ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް މިރޭ އަރުވައިފި އެވެ. މި އިއްޒަތް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
މި ޢިއްޒަތް، ނ. ނ.އ.ވ މޫސާ އަލީ ޖަލީލަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތާއި، ހާއްސަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި މޫސާ އަލީ ޖަލީލު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
މޫސާ އަލީ ޖަލީލު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ، 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާ ދިވެހި އަސްކަރިއްޔާގައި އިހުލާސްތެރިކަމާ އެކުގައި އަދާކުރެއްވި ގައުމީ ހިދުމަތާއި، ދެއްކެވި މަތިވެރި އަހުލާގުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައިވެ އެވެ. އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިހުލާސްތެރި ހިދުމަތުގެ ކުލައާއި، ސިފައިންގެ ހިދުމަތުގެ ކުލަ، އަދި އަހުލާގީ ކުލަ ހިމެނެ އެވެ. މީގެއިތުރުން އޭނާއަށް ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ އަސްކަރީ އިސް ހިދުމަތްތެރިންގެ މެޑެލް، މަތިވެރި ހިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެ އެވެ.
މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމު ތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަގާމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ހިމެނެއެވެ. އަދި ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވީ ގާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލަށް ޢިއްޒަތް އެރުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ގާރާރު އިއްވާފައިވެއެވެ.