ނަސްރުގެ ދުވަހަކީ ވަޠަނުގެ މިނިވަންކަމަށްޓަކައި ފުރާނައިން ގުރުބާން ވާނެކަން ދިވެހި ސިފައިން ސާބިތުކޮށްދިން ދުވަސް: ޝާހިދު

ނަސްރުގެ ދުވަހަކީ ވަޠަނުގެ މިނިވަންކަމަށްޓަކައި ފުރާނައިން ގުރުބާން ވާނެކަން ދިވެހި ސިފައިން ސާބިތުކޮށްދިން ދުވަސް: ޝާހިދު

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބޭރުގެ ކުލީ ސިފައިން ދިން އުދުވާނީ ހަމަލާއިން، ދިވެހި ޤައުމަށް ނަސްރު ލިބިގެންދިޔަ ދުވަހަކީ، ދިވެހި ގައުމުގެ މިނިވަންކަމާއި ޝަރަފައްޓަކައި ފުރާނައިން ގުރުބާންވާނެކަން ދިވެހި ސިފައިން ސާބިތުކޮށްދިން ދުވަސް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދަކީ ނަސްރުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ސޯޝަލްމީޑިޔާގެ ރަސްމީ އެކައުންޓް މެދުވެރި ކުރައްވައި، ޝާހިދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެދުވަހު ޝަހީދުވި، ޝަހީދުންގެ ޒިކުރާ އާ ކުރައްވަމުން، ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.

"ނަސްރުގެ ދުވަހަކީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ މިނިވަންކަމާ ޝަރަފައްޓަކައި ފުރާނައިން ޤުރުބާންވާނެކަން މިޖީލުގެ ދިވެހި ސިފައިން ސާބިތުކޮށްދިން މުނާސަބު ދުވަސް" ޝާހިދުގެ މެސެޖުގައި ވިދާޅުވިއެވެ.

ސްރީލަންކާގެ ތަމަޅައިންގެ ޖަމާއަތަކުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ރާއްޖެ އައިސް ދިވެހި ސިފައިންނަށް ދިން ކުއްލި ޙަމަލާގައި ދުޝްމަނުން ބަލިކޮށް، ހަނގުރާމައިން ދިވެހި ގައުމަށް ނަސްރު ލިބިގެންދިޔައިރު، ދިވެހި ސިފައިންގެ ބަޔެއް ބޭކަލުން ވަނީ ޝަހީދުވެފައެވެ. އަދި އާންމުންގެ ބަޔެއް މީހުންވެސް އެދުވަހު ޝަހީދުވިއެވެ. އަދި އެ ހަމަލާގައި ދިވެހި ސިފައިންގެ ބަޔެއް ބޭކަލުންނާއި އާންމުންގެ ބަޔެއް މީހުންނަށްވެސް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

މިއީ ފަހުގެ ތާރީޚުގައި ރާއްޖެއަށް އައި އެންމެ ވަރުގަދަ އުދުވާނީ ޙަމަލާއެވެ. އެ ހަމަލާއިން ދިވެހި ޤައުމު ސަލާމަތްވި ދުވަސް ސަރުކާރުން ފާހަގަ ކުރަމުން އަންނަނީ "ނަސްރުގެ ދުވަސް" ގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *