ހަސީނާ ހައްޔަރު ކުރަން އަމުރު ނެރެފި

ހަސީނާ ހައްޔަރު ކުރަން އަމުރު ނެރެފި

ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހައްޔަރު ކުރަން އެ ގައުމުގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

މިކަން އިއުލާން ކުރެއްވީ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ އިސް ފަނޑިިޔާރު މުހައްމަދު ތާޖުލް އިސްލާމްއެވެ.

އައިސީޓީ އަކީ ބަންގުލަދޭޝްގެ ދާހިލީ މައްސަލަތައް، ހާއްސަކޮށް ބޮޑެތި ކުށްތަކާ ގުޅިގެން އުފެދިފައި ހުރި މައްސަލަތައް ބަލައި ހޯދައި ކުށްވެރިވާ މީހުންނަށް އަދަބު ކަނޑައެޅުމަށް 2009 ވަނަ އަހަރު އުފެއްދި ޓްރައިބިއުނަލެކެވެ.

ޝައިޚް ހަސީނާ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ވަޑައިގަތީ އޯގަސްޓް ފަހެއް ގައެވެ. އޭނާ އަދިއަދަށްދާންދެންވެސް ހުންނެވީ އިންޑިޔާގައެވެ.

ހަސީނާއަށް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ ބަންގުލަދޭޝްގެ މަދަރުސާ ދަރިވަރުން ކުރި މުޒާހަރާ ތަކެއްގެ ސަބަބުންނެވެ.

ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ. މި ހަމަނުޖެހުން ތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މަގުތަކުގައި ހަމަނުޖެހުން އުފައްދައި މުޒާހަރަކާ ކުރި މީހުން ގަސްދުގައި މީހުން މެރި މައްސަލަތަކެއްވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އިންސާނީ ހައްގުތައް ގެއްލިފައި އެތައް ބަޔަކު ތިބި ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިފަދައިން ހިންގާފައި ހުރި މައްސަލަ ތަކެއް މިހާރު ވަނީ ބަންގުލަދޭޝްގެ ކޯޓު ތަކަށްވެސް ހުށަހަޅާފަ އެވެ.

މި މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ކުރުމަށްޓަކައި ޝައިޚް ހަސީނާ ނޮވެމްބަރު 18 ގައި ކޯޓަށް ހާޒިރު ކޮށްދިނުމަށް ތަންފީޒީ ބާރު ތަކަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *