އާރްޓީއެލްގެ ފެރީގެ އަގުތައް ކުޑަވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާތީ ޓިކެޓުގެ އަގު ބޮޑު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ކުރީ ސަރުކާރުން ފެށި އާރުޓީއެލް ފެރީގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ރަނގަޅު ހިދުމަތެއް ކަމަށެވެ. އެހެންވެ އެ ހިދުމަތް އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ދޭން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.
ނަމަވެސް އާރްޓީއެލްގެ ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދިނުމަށް ސަރުކާރުން ދޭންޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށާއި ސަބްސިޑީ ކުޑަނުކޮށް އެ ހިދުމަތް ދިގު މުއްދަތަށް ނުދެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި އާރުޓީއެލްގެ ހިދުމަތް ފެށި ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 48 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މިދިޔަ އަހަރު 130 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. އަދި މި އަހަރު ނިމޭއިރު އެ އަދަދު 280 މިލިއަން ރުފިޔާ އިން މައްޗަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން މިހާރު އޮތް މޮޑެލްގައި އެކަން ކުރުމަކީ ދައުލަތަށް ކެެތްވާނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އެއީ 20 ޕަސެންޓް ރިކަވަރީ، 80 ޕަސެންޓް ސަބްސިޑައިޒް ކުރަން ޖެހޭ، އޭގެ މާނައަކީ އެއް ބިލިއަން ރުފިޔާ ދާނެއޭ ސަބްސިޑީ އަށް،“ މިނިސްޓަރު ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ ސަބްސިޑީ ލެވެލް 55 ޕަސެންޓަށް ކުޑަކޮށް، 40 ޕަސެންޓަށް ރިކަވަރީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އަގުތައް ކަނޑައެޅުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.