މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިިއަދު ވިދާޅުވެއްޖެ އެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިގުތިސާދީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، މާލެ ފެހި ޕްރޮގްރާމްގެ ދަށުން ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.
އެ ހިދުމަތް ކުރިއަށް ގެނދަން ނިންމާފައިވަނީ، އެމްޓީސީސީ އިން ހިންގާ އާރުޓީއެލް ބަސް ކޮންސެޕްޓަށް ނަމަވެސް ސަބްސިޑީގެ ބަދަލުގައި ކެޕިޓަލް އިންވެސްޓްމަންޓް ސަރުކާރުން ދޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، 24 ގަޑިއިރު ލިބޭ ގޮތަށް އެ ހިދުމަތް ދޭނީ ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނީޓާ ކުރާ ގޮތަށް އަދި ފައިސާގެ މުއާމަލާތް ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.
އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ 50 ޕަސެންޓް މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށާއި އަނެއް 50 ޕަސެންޓް ސްލޮޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ މީހުންނަށް ކަމަށެވެ. އަދި ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100 ރުފިޔާއަށްވުރެ ދަށްނުވާނެ ކަމަށާއި ކޮންމެ ހަތް ދުވަހަކުން މުސާރަ ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ޓެކްސީ ލައިންގައި ދުއްވާ ޓެކްސީތަކުގެ ޑްރައިވަރުންގެ ޑްރެސްކޯޑެއް އިންނާނެ ޓެކްސީ ލައިންގައި މަސައްކަތްކުރި ނަމަވެސް އަމިއްލަ ޓެކްސީ ދުއްވޭނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 10 ވަރަކަށް ދުވަސްތެރޭގައި ޓެކްސީތައް ޕާކުކުރާނެ ބިން ހަމަޖެހިގެންދާނެ އެވެ. އަދި ޓެކްސީ ލައިންގެ ޓެކްސީތަކުގެ ތެރެއިން މަދުވެގެން 25 ޕަސަންޓަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ކަމަށް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.