ޓެކްސްގެ ގޮތުގައި ރާއްޖެ އެތެރެކުރާ ކޮންމެ ވޭޕަކުން 200 ރުފިޔާ ނެގުމަށް، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލްގައި ހިމެނުމަށް، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވީ، ވިޔަފާރިވެެރިންގެ ނުފޫޒުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ތުހުމަތު ކުރައްވައިފިއެވެ.
އައްބާސް ނާޒިމަށް މިފަދަ ތުހުމަތެއް ކުރެއްވީ، މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި ރޭ ކުރިއަށްދިޔަ، އެބިލް ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ސަރުކާރުން ބިލް ހުށަހަޅާފައިވަނީ، އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިން 200 ޕަސެންޓްގެ ޑިއުޓީއެއް ނެގުމަށެވެ. ނަމަވެސް އެ އަދަދު 200 ރުފިޔާ އަށް ބަދަލު ކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)ގެ ޑިއުޓީ 50 ޕަސެންޓަށް، ސްޓިކަކުން އަށް ރުފިޔާ ނަގަން ބިލްގައި ހިމަނާފައިވާ، ސްޓިކްގެ ބައި ގްރާމުން އަށް ރުފިޔާ ނެގުމަށް ވެސް ނާޒިމް ހުށަހެޅުއްވިއެވެ.
ނާޒިމް ވިދާޅުވީ އެ ބަދަލުގެންނަން ހުށަހެޅުއްވީ ޕަސެންޓުން ޑިއުޓީނަގަން އޮތުމުން، އެތަކެތި ރާއްޖެ އެތެރެކުރާއިރު އިންވޮއިސް ބަދަލުކޮށްގެން ހެޔޮ އަގުގައިއާއި ހިލޭ މީހުންނަށް ބެހުުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
އެހުށަހެޅުއްވުންތަކާ ގުޅިގެން ނުރުން ފާޅު ކުރައްވައި އައްބާސް ވިދާޅުވީ، އެ އިސްލާހު ގެނައުމަށް ނާޒިމް ދެއްކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަަމަށެވެ.
"ސިގިރޭޓެކޭ މިއެކޭ އަޅާ ބަލާއިރު އެއް މިނެޓަކު، އެއްވަގުތަަކު ހުސްވާނީ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފް ވާހަކައެއް، އަޅުގަނޑު އެއް އަހަރު ދުވަސްވަންދެން ބޭނުންކުރިން." އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ، އެ ބަދަލަކީ ކޮންމެސް ފައިސާވެރިއަކު ނުވަތަ ސިނގިރޭޓުގެ ވިޔަފާރިކުރާ ފަރާތެއްގެ ނުފޫޒު ވަދެެގެން ނާޒިމް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލެއްނޫން ރައްޔިތުންނާ ހިސާބަށް މިކަން މިގޮތަށް ގޮސްފަ، ކޮމިޓީއަށް އަންނަ ސިއްރު ކޯލަކުން އެ ބަދަލުވާކަށް ނޭދެން، އެއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތެއްނޫން،" އައްބާސް ވިދާޅުވި އެވެ.
ނަމަވެސް ނާޒިމް ހުށަހެޅުއްވި އިސްލާހަށް މައްޗަންގޯޅި މެދުދާއިރާގެ މެންބަރު އަހުމަދު ޒަމީރު ތާއީދު ކުރައްވައިގެން، އެ އިސްލާހު ވަނީ ފާސްކޮށްފައެވެ.