އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ސީދާ ރައިސުލްޖުމްހޫރިއްޔާއަށް ދިނުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ހމަޖެހިފައިވާ މި ބިލު ހުށަހެޅުމުގެ ސަބަބު ތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަން ތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަން ތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަން ތަކުގެ ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަން ކުރުުގައި، އަމަލު ކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުން ކަމަށެވެ.
ޤާނޫނުުގެ ހަތް ވަނަ މާއްދާގައި މިހާރު އޮންނަނީ، އޭސީސީގެ ރައީސް އާއި ނާއިބު ރައީސަކު އައްޔަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާ ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސް އާއި ނާއިބު ރައީސް މަސްއޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ކޮމިޝަންގެ އަޣުލަބިއޔްތުން ފާސްކޮށްފިނަމަ، އެބޭފުޅުން މަގާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ނަމަވެސް ކޮމިޝަންގެ މެންބަރު ކަމުން ވަކިނުވާނެ ކަމަށެވެ.
ޤާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ނުވަތަ ނާއިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަން ކުރަންވާނެ ކަަމަށެވެ.
ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ކޮމިޝަންގެ ރައީސް މަގާމުން އިސްތިއުފާ ދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީ އަކުން ކޮމިޝަނަށް ހުށަހެޅުމުން އެމީހަކު މަގާމުން ވަކިވީ ކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ. ނަމަވެސް ނާއިބު ރައީސް ކަމުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ކޮމިޝަންގެ ރައީސްއަށް ކަމަށްވެސް ބުނެފައިވެއެވެ.
10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.
ޤާނޫނުގެ ހަތް ވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް އާއި ނާއިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް، ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ނަން ތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބު ރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާގައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީ އަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން، ނުވަތަ ނާއިބު ރައީސްކ ަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.