ފަތުރުވެރިކަން ނެތް ސަރަހައްދުތަކުގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް، ބޭންކުތައް މެދުވެރިކޮށް 200 މިލިޔަން ރުފިޔާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ބްރޭންޑް ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރަނގަޅު އިންޓްރެސްޓް ރޭޓެއްގައި މާލީ އެހީތެރިކަން އެ ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ފޯރުކޮށްދެވިއްޖެނަމަ، ފަތުރުވެރި ކަމަށް އިތުރު އެނދުތަކެއް ނެރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
"ފަންޑްސް މިއަންނަ އަހަރުތެރޭގައި، ބީއެމްއެމްއެލް، އެސްޑީއެފްސީ އަދި އެމްއައިބީ މެދުވެރިކޮށް އެކަށީގެންވާ އަދަދަކަށް ހަމަޖެހޭނެ ކަމަށް އަޅުގަނޑު މިބަލަނީ. ކޮންމެ އަހަރަކުވެސް 100 ނުވަތަ 200 މިލިއަނެއްހާ ރުފިޔާ މިގޮތަށް ޓުއަރިޒަމް ޑިވެލޮޕްމެންޓަށް އެލޮކޭޓް ކުރެވޭނެ ގޮތްތަކެއް މި ބޭންކުތައް މެދުވެރިކޮށް“ ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް އަލަށް ޓޫރިޒަމް ފަށާ ސަރަހައްދު ތަކުން ނަގާނަމަ އެ ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ދަތިތަކެއް ދިމާވާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ހުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ސަރަހައްދުތައް ރަނގަޅަށް ޕްރޮމޯޓް ކުރެވިއްޖެނަމަ، ފަތުރުވެރިން އެ ސަރަހައްދު ތަކަށް ޒިޔާރަތް ކުރާ މިންވަރު އިތުރު ކުރެވޭނެ ކަމަށެވެ.