ޝިއާއުގެ މަރު: ސާހިލް ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށްފި، އެދުނީ އެ ބަޔާންތައް ބަލައިނުގަތުމަށް

ޝިއާއުގެ މަރު: ސާހިލް ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށްފި، އެދުނީ އެ ބަޔާންތައް ބަލައިނުގަތުމަށް

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ އޮގަސްޓް މަހު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ، ސާހިލް އަލީ، އޭނާ ތަހުގީގަށް ދީފައިވާ ބަޔާންތަކަށް އިންކާރުކޮށް، އެ ބަޔާންތައް ބަލައިނުގަތުމަށް އެދިއްޖެ އެވެ.

ޝިއާއު މަރައިލައިފައިއޮތްވާ ފެނިފައިވަނީ 2022 އޮގަސްޓު 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ޝީރީންވިލާގޭގެ އެޕާޓުމެންޓަކުންނެވެ. އެއީ އޭނާ މަރާލި ރޭ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އެ އެޕާޓުމެންޓުން ސާހިލް ހަމަ އެ ރޭ ހައްޔަރުކުރިއިރު އޭނާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުއްޓެވެ. އަދި އެ އެޕާޓްމެންޓު ތެރެއިގައި ވެސް ލޭ ހުއްޓެވެ. ޝިއާއު މަރައިލުމަށްފަހު ވެސް އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަށް ދީފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

މަރުގެ އެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކޮށްފަ އެވެ. ސާހިލްގެ މައްޗަށް ދައުލަތުންކުރާ ބައެއް ދައުވާތަކުގެ ތެެރެއިގައި މަސްތުވާތަކެތި ބޭނުން ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ހިމެނެ އެވެ. އަދި ގަސްދުގައި މީހަކު މަރަލުމާ ގުޅޭ ދައުވާތަކެއް ކުރެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ސާހިލް ވަނީ ދައުވާތަކަށް ޖަވާބުދޭން އުޒުރުވެރިވެފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ ސާހިލް އެ އުޒުރުވެރިވުމަކީ ދައުވާތަކަށް އިންކާރުކުރުން ކަމަށް ކަނޑައަޅައިފަ އެވެ.

ޝަރީއަތުގައި ވާހަލަދައްކަވަމުން ސާހިލް ބުނީ މައްސަލައާ ގުޅިގެން ތަހުގީގަށް ދީފައިވާ ބަޔާންތަކަށް އިންކާރުކުރާ ކަމަށެވެ. ތަހުގީގަށް ދީފައިވާ އެ ބަޔާންތައް ޝަރީއަތުން ބަލައިނުގަތުމަށް އެދޭ ކަމަށް ސާހިލް ބުންޏެވެ. ސާހިލްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވެ އެވެ. ސާހިލް ވަނީ މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރި ކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި ވަކީލުން އޭނާ އަށް އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ނިންމި އެވެ.

ސާހިލްގެ މައްޗަށް ކުރާ މަރުގެ ދައުވާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދައުލަތުން ވިދާޅުވީ މައްސަލައިގެ ހެކިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށެވެ. ސިއްރު ހެކި ހިމެނޭ ތިން ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް މިއަދު ވަނީ ފުރުސަތު ދީފަ އެވެ.

އަނެއް ދެ ދައުވާ ކަމަށްވާ މަސްތުވާތަކެތި ބޭނުން ކުރުމާއި އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ މަރުހަލާ ނިމުނުކަން މިއަދު ގާޒީ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ ދެ ދައުވާގެ ޝަރީއަތުގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން އިއްވައި ހެކިބަސް ނެގުމެވެ.

މަރުގެ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ ސާހިލް އަމިއްލައަށް ދައުވާތައް ކުރިއަށް ގެންދަން ބޭނުންވާތީ ބަންޑާރަ ނައިބުގެ އޮފީހުން ހަމަޖެއްސި ދައުލަތުގެ ވަކީލް ވަނީ ދޫކޮށްލައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *