އިނގިރޭސިވިލާތުން، ޗާގޮސް މޮރިޝަސްއާ ހަވާލުކުރި މައްސަލައިގައި ބޭރުގެ ތަޖުރިބާކާރުންގެ ލަފާ މިދަނީ ހޯދަމުން: އުޝާމް

އިނގިރޭސިވިލާތުން، ޗާގޮސް މޮރިޝަސްއާ ހަވާލުކުރި މައްސަލައިގައި ބޭރުގެ ތަޖުރިބާކާރުންގެ ލަފާ މިދަނީ ހޯދަމުން: އުޝާމް

އިނގިރޭސިވިލާތުން، ޗާގޮސް މޮރިޝަސްއާ ހަވާލުކުރި މައްސަލައިގައި ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯދަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމަށް އިޓްލޮސްއިން ކުރި ހުކުމް މުރާޖާ ކުރުމަށް ބޭނުންވާ ލަފާތައް ވެސް ބައިނަލްއަގުވާމީ ތަޖުރިބާކާރުން މެދުވެރިކޮށް ހޯދަމުންދާ ކަމަށެވެ.

"މި ކަމަކީ އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް އެކްސްޕާޓުންގެ އޮޕީނިއަން ހޯދައިގެން ކުރެވޭ ޒާތުގެ ކަމަކަށް ވާތީ ކޮންމެ ޑިވެލޮޕްމެންޓަކާ ގުޅިގެން ވެސް އަޅުގަނޑުމެންގެ ސްޓްރެޓަޖީތަކާ އެއްޗެހި، ކުރިއަށް ދާނެ ގޮތްތަކާ އެއްޗެހި ބަދަލު ކުރަން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ ދެމެދުގައި އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށެވެ. އިޓްލޮސްއިން ކުރި ހުކުމުގައި ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

އެއާ އެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.

ނަމަވެސް، އޭރު އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން އަންނަނީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *