ޖަލަށް ފޯނާއި ޑްރަގު ވެއްދި އޮފިސަރުން ބަންދުން ދޫކޮށްލުމަށް ދައުލަތުން އެއްބަސްވެއްޖެ

ޖަލަށް ފޯނާއި ޑްރަގު ވެއްދި އޮފިސަރުން ބަންދުން ދޫކޮށްލުމަށް ދައުލަތުން އެއްބަސްވެއްޖެ

އެ މީހުންގެ ތެރެއިން ޖިނާހު، ހިޝާމް، ނާޒިމް އަދި އަސްފާގު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ބާކީ ތިބި ހަތަރު މީހުން ބަންދުން ދޫކުރަން އެދި އެ މީހުންގެ ފަރާތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި އެ މީހުންގެ ދިފާއީ ވަކީލުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި އެހެން މީހަކު ކްރިމިނަލް ކޯޓުން ބަންދުކުރީ އިހުތިސާސެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެ ހަތަރު މީހުން ވެސް ބަންދު ކޮށްފައިވަނީ އެ އުސޫލުން ކަމަށް ވާތީ ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، އެ މީހުންވެސް ބަންދުން ދޫކުރަން ވަކީލުން އެދުނެވެ.

ދައުލަތުން ވެސް ބުނީ ހައިކޯޓުގެ ހުކުމަށް ރިއާޔަތް ކުރާއިރު އެ މީހުން މިހާރު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް މައްސަލާގެ ބާވަތަށް ބަލައި ދައުލަތުން އެދުނީ ޝަތުރުތަކާއެކު އެ މީހުން ދޫކޮށްލުމަށެވެ. އޭގެ ތެރޭގައި ޕާސްޕޯޓް ހިފެހެއްޓުން ހިމެނެ އެވެ.

މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ މައުލޫމާތު ދެމުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޖަލަށް ވަގަށް ތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި ކަމަށެވެ. އެ މީހުންގެ އެކައުންޓުތަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ފަސް މީހުންގެ ތެރެއިން ތިން މީހަކާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ވަނީ ހަދައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *