ފިނިފެންމާ ގޮއްވާލި މައްސަލަ: ސިފައިންގެ ވަޒީފާއިން ވަކިކުރި ޒަމީރަަށް ބަދަލުދޭން އަންގައިފި

ފިނިފެންމާ ގޮއްވާލި މައްސަލަ: ސިފައިންގެ ވަޒީފާއިން ވަކިކުރި ޒަމީރަަށް ބަދަލުދޭން އަންގައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު ދަތުުރު ކުރެއްވި ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ތުހުމަތު ތަކެއްކޮށް ސިފައިންގެ ވަޒީފާއިން ވަކިކުރި މޫޒާ ޒަމީރަށް އެކަމުގެ ބަދަލުދޭންޖެހޭ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް ޔުނިޓުގައި މަސައްކަތް ކުރަމުން ދަނިކޮށް، 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ގެ އިސްވެރިން ކުރެއްވި ކޮމާންޑާ އެއްގޮތަށް އެދުވަހު ފިނިފެންމާ ލޯންޗު ޗެކް ކުރުމަށާއ،ި ގޮވާޒާތުގެ ޑިވައިޒްއެއް އޮތްތޯ ބެލުމަށް ހަރަކާތްތެރިވި މައްސަލައާއި ގުޅިގެން ޖިނާއީ ކުށްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް 5 އޮކްޓޫބަރު 2015 ވަނަ ދުވަހު ހައްޔަރުކޮށް ދޫނިދޫގައި ބަންދު ކުރިއެވެ.

އެއަށްފަހު އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަލައި، 4 އަހަރާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ކުމަށް 19 ޖޫން 2016 ގައި އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އަދި ހުކުމުގެ މުއްދަތަށްވުރެ ގިނަދުވަހު މޫސާ ޒަމީރު ބަންދުގައި ހުރެފައިވާތީ ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުވެ ނިމިފައިވާތީ އޭނާ ބަންދުން މިނިވަން ކުރިއެވެ،

ނަމަވެސް ކުރިމިނަލް ކްރިމިނަލް ކޯޓުގެ ނިންމުން މޫސާ ޒަމީރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ މައްސަލައިގައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް 30 އޭޕްރީލް 2019 ގައި ހައިކޯޓުން ބާތިލް ކުރިއެވެ.

ހައިކޯޓުގެ އެ ނިންމުމާއެކު މޫސާ ޒަމީރު އެމްއެންޑީއެފް ގައި އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން ރުޖޫއަވާން ޖެހޭކަމަށް ފާހަގަކޮށް 20 މެއި 2019  ގައި މޫސާ ޒަމީރު އެމްއެންޑީއެފް އަށް ސިޓީއެއް ފޮނުވިއެވެ.

މީގެއިތުރުން އޭނާގެ ވަޒީފާގެ ހައްގު ނިގުޅައިދިން ތާރީޚު ކަމަށްވާ، 2015 އިން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފާއިތުވި 44 މަސް ދުވަހަށް 684,860 ރުފިޔާ އާއި އިތުރު އެލަވަންސްތައް ނަގައި ދިނުމަށާއި، ވަޒީފާ އިއާދަކޮށްދޭ ދުވަހާއި ހަމައަށް އިތުރުވާ ފައިސާވެސް ނަގައި ދިނުމަށާއި، ވަޒީފާގެ ހައްގު ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 500,000 ރުފިޔާ ނަގައި ދިނުމަށްއެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ، އޭނާ އެދިފައިވާ ގޮތަށް ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއ،ި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށ،ް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މައްޗަށާއ،ި ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަންގައި އަމުރު ކުރާނެ ތަނެއް ނެތްކަމަށެވެ.

ޒަމީރުގެ ފަރާތުން ސިވިލްކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް މޫސާ ޒަމީރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ޒަމީރަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި މި މައްސަލަ ސިވިލ ްކޯޓަށް ތަހުވީލުކުރާ ކަމަށެެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވާއިރު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހިޒާ އާއި ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *