ޣައްސާނުވެސް އުނބަށް ޖަހައިފި: ޔާމީން

ޣައްސާނުވެސް އުނބަށް ޖަހައިފި: ޔާމީން

ޑިފެންސް މިނިސްޓަރ، އަދި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫންވެސް "އުނބަށް ޖަހައިފި" ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން، އިންޑިޔާއިން ރާއްޖެއަށް ދީފައިވާ ޑޯނިއާ ހެލިކޮޕްޓަރު ދިވެހި ސިފައިން ނުދުއްވާ ސަބަބު ހޯދަން އެދުމުން، އެ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ، އެކަން ސިއްރު ކުރުމަށްޓަކައި ކޯޓަށް ވެއްދުމަށް ފަހު އަނބުރައި އެމައްސަލަ ކޯޓުން ނެގުމުން ޔާމީން ވިދާޅުވީ "ޣައްސާންވެސް އުނބަށް ޖެހީ" ކަމަށެވެ.

ޔާމީން ވިދާޅުވީ ވަޒީރުންވެސް "އުނބަށް ޖަހަމުން ދަނީ" އެކަމުގައި "ބޮޑު ސޯބުވެސް" އެގޮތަށް ކަންކަން ކުރައްވާތީ ކަމަށެވެ. ވިދާޅުވީ މިސަރުކާރުގައި ރައީސް މުއިއްޒާއި ހަމައިން ގޮސް ވަޒީރުންވެސް "އުނބަށް ޖަހާތަން" ފެންނަމުންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ ޑިފެންސް މިނިސްޓްރީ ކަހަލަ ވުޒާރާއަކުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށްބުނެ، މައުލޫމާތެއް ހާމަނުކުރަން ނިންމާއިރު އެކަމުގައި ބުރަދަނެއް ހުންނަންވާނެ ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ހެނދުނު ބުނުމަށްފަހު ހަވީރު ރާގު ބަދަލުވެގެން ދިޔުމުން، ޑިފެންސް މިނިސްޓްރީން ބުނާ ވާހަަތަކަށް ރައްޔިތުންގެ އިތުބާރެއް ނޯންނާނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ޔާމީން ވަނީ މި ސަރުކާރުގެ ވެރިންނަށާއި، ކުރީސަރުކާރުގެ ވެރިންނަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *