އަބްދުއްރަޙީމް މަގުމައްޗަށް އެއްލާލާފައި އޮތަސް ބަލާލާނެ މީހަކުވެސް ނުވާނެ: ޔާމީން

އަބްދުއްރަޙީމް މަގުމައްޗަށް އެއްލާލާފައި އޮތަސް ބަލާލާނެ މީހަކުވެސް ނުވާނެ: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) މަގުމައްޗަށް އެއްލާލާފައި އޮތަސް ބަލާލާނެ މީހަކުވެސް ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފްގެ ފަރާތުން ބޭއްވި ސިލްސިލާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ދިރިއުޅުއްވަން މުރައިދޫގެ ދިނުމަކީ މައްސަލައެއްނޫން ކަމަށާއި، ސަބަބަކީ ކުރިން މަޖިލީހުގެ ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުޙަންމަދު ނަޝީދަށްވެސް ދިރިއުޅުއްވަން މުރައިދޫގެ ހަމަޖައްސަވާފައި އޮތުމުން ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް ނަޝީދަށް މުރައިދޫގެ ދިރިއުޅުއްވަން ހަމަޖައްސަން ޖެހުނީ ނަޝީދަކީ ހައިރިސްކް އޮތް ބޭފުޅަކަށްވާތީ ސެކިއުރިޓީއަށް ބަލާފައި ކަމަށާއި، އެހެންވެ ސެކިއުރިޓީއަށް ބަލާނަމަ، އަބްދުއްރަޙީމަށް ޚާއްސަކޮށްގެން ގެކޮޅެއް ހަމަޖައްސަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ އަބްދުއްރަޙީމަކީ އެއްވެސް ކަހަލަ ރިސްކެއް އޮތް މީހެއް ނޫން ކަމަށާއި، ސެކިއުރިޓީއަށް ބަލާނަމަ އެއީ ކުރަންޖެހޭ ކަމެއްނޫން ކަމަށެވެ.

ޔާމީން ވިދާޅުވީ އަބްދުއްރަޙީމަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، "އަބްދުއްރަޙީމް މަގުމައްޗަށް އެއްލާލާފައި އޮތަސް ބަލާލާނެ މީހަކުވެސްނުވާނެ" ކަމަށެވެ.

ޔާމީން ވިދާޅުވީ މުރައިދޫގެ އަބްދުއްރަޙީމް ދިރިއުޅުއްވަން ހަމަޖެއްސެވި ނަމަވެސް، އެގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސަންޖެހޭނީ އަބްދުއްރަޙީމް އަމިއްލަފުޅު ޚަރަދުގައި ކަމަށެވެ. މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގޭގެ މުވައްޒަފުންނާއި އެހެނިހެން ޚަރަދު ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށް ޤާނޫނެއްގައިވެސް އަދި މަޖިލީހުގެ އެއްވެސް ގަވައިދެއްގައިވެސް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *