2016 އިން ފެށިގެން ވިފާގު އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން، މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް: ފުލުހުން

2016 އިން ފެށިގެން ވިފާގު އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން، މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް: ފުލުހުން

ކަސްޓަމް ސަރަހައްދުގެ އުސް އިމާރާތަކުން ފުންމާލުމުގެ ސަބަބުން މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހީމްގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވިފާގު، އިމާރާތަކުން ފުންމާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

"ޗެނަލް 13″ އިން ވަނީ ވިފާގުގެ މަރުގެ މައްސަލައާއި ގުޅިގެން ޑޮކިއުމެންޓްރީއެއް ގެނެސްދީފަ އެވެ. އެ ޑޮކިއުމެންޓްރީގައި ވަނީ ވިފާގުގެ މަންމަ އަދި ވިފާގުގެ ދޮންބައްޕަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ނާޒިމް ވިފާގަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމަށާއި އެކަމަށް ވިފާގުގެ މަންމަ އެއްބާރުލުން ދެމުންދިޔަ ކަމަށް ޑޮކިއުމެންޓްރީގައި ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ.

ޝިފާއު ވިދާޅުވީ ވިފާގުގެ ހަށިގަނޑު ޗެކްކުރިއިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގުޅުމެއް ހިންގާފައިނުވާ މީހެއްކަން އެނގިފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"ވިފާގު ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގުގެ މެޑިކަލް ރެކޯޑު ތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފަ،" ޝިފާއު ވިދާޅުވި އެވެ.

"އޭގެ ހިސްޓްރީ އާއި މިކަންތައްތަކުގަވެސް. އެންމެ ރިޕޯޓަކުންވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ވިފާގަކީ ނަފްސާނީ ބަލި ތަކަކަށް ފަރުވާ ހޯދަމުންދިޔަ މީހެއްކަމާއި މި މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރާފައި ނުވާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *