އޮޕަރޭޝަން ފޭކް ސްލިޕުގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ފަށައިފި

އޮޕަރޭޝަން ފޭކް ސްލިޕުގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ފަށައިފި

ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ހިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް "އޮޕަރޭޝަން ފޭކް ސްލިޕ" ގެ ނަމުގައި ހަރަކާތެއް ފަށައިފި އެވެ.

ފުލުހުން ބުނީ އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާ މި ހަރަކާތް ފެށުމުގައި، ސެންޓްރަލް އިންވެސްޓިގޭޝަން ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އާއި ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ކޮލެޖްތަކުގެ ވޮލަންޓިއަރުން ވެސް މިއަދުގެ މި ހަރަކާތުގައި ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މި އޮކްޓޫބަރު މަސް ހާއްސަކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް ކަމަށް ފުލުހުން ބުންޏެވެ. އަދި މި މަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމަށް ހަަމަޖެހިފައިވައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހަރަކާތުގައި، ހިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފާ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފާ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ އެވެ. އަދި ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފާ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ހިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބެލުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާނެ އެވެ. އަދި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާނެެގޮތާއި މިފަދަ ކަމެއް ދިމާވެއްޖެނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *