ކޫއްޑޫ އެއާރޕޯޓް ބާވެ، ހަލާކުވެފައިވާތީ މޯލްޑިވިއަންގެ ދެބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވުމާއި ގުޅިގެން އެ އެއާރލައިނުން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވިދާޅުވީ، ގއ. ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ، ހަލާކުވި ދެބޯޓުވެސް ގްރަންޑު ކުރަންޖެހިފައިވާ ކަމަށެވެ. އަދި މި ޙާލަތުގައި އެއާރޕޯޓު އޮއްވައި އިތުރަށް ދަތުރު ކޮށްފިނަމަ، ޕަސިންޖަރުންނާއި ބޯޓުގެ ސަލާމަތަށްވެސް ނުރައްކާ އޮތުމުން ހުއްޓާލަން ނިންމީ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޫއްޑޫ އެއާރޕޯޓު ބާވެ، ހަލާކުވުމާއި ގުޅިގެން ބޯޓު ޖައްސަން އުދަނގޫވާތީ އެ ވާހަކަ ވެރިފަރާތާ ދައްކަމުން އަންނަތާވެސް ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެކަން އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ޙައްލެއް ނާންނަ ކަމަށެވެ.
ވިދާޅުވީ ރަންވޭގެ މައްސަލަ ހައްލުކޮށްފިނަމަ، އަލުން ކޫއްޑޫއަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރު ފަށާނެ ކަމަށެވެ.