ދޮގުހެދުމާއި މަކަރާއި ހީލަތް ހަދައިގެން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހި ނުވާނެކަން މިސަރުކާރަށް އިޙްސާސް ކުރެވިއްޖެ: ޝާހިދު

ދޮގުހެދުމާއި މަކަރާއި ހީލަތް ހަދައިގެން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހި ނުވާނެކަން މިސަރުކާރަށް އިޙްސާސް ކުރެވިއްޖެ: ޝާހިދު

ދޮގު ހެދުމާއި މަކާރާއި ހީލަތް ހަދައިގެން ބައިނަލްއަގްވާމީ ގުޅުންތައް ރަނގަޅު ނުކުރެވޭނެކަން ރައީސް މުއިއްޒުގެ ސަރުކާރަށް މިހާރު އިޙްސާސް ވަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ މި ސަރުކާރުން އަވައްޓެރި އިންޑިޔާއާއެކު މިހާރު ކުރިޔަށްދާ ގުޅުމުގެ މިސްރާބު މިގޮތުގައި ކުރިޔަށް އޮތްތަނުގައިވެސް ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ އެންމެ ރަޙްމަތްތެރި އިންޑިޔާއާއެކު ޒަމާނުއްސުރެ އޮތް ގާތްގުޅުން ހީނަރުވުމަށްފަހު، އަނެއްކާވެސް އެ ގުޅުން ބަދަހިވަމުން އަންނާތީ އުފާ ކުރައްވާ ކަމަށެވެ. އަދި ދިވެހިންނާއެކު އިންޑިޔާއިން ބާއްވާ ވަރުގަދަ ގުޅުން އެގޮތުގައި ދަމަހައްޓާތީ ޝާހިދު ވަނީ އިންޑިޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި، އިންޑިޔާއާއެކު ކުރަން މަޝްވަރާކުރި މުހިންމު ގިނަ ކަންކަން ކުރުމަށް މި ސަރުކާރުން އެއްބަސްވުމާއި ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް މި ސަރުކާރުން އެއްބަސްވުމާއި، އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށް މި ސަރުކާރުންވެސް ގަބޫލުކުރުމާއި، އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކުރުން ފާހަގަ ކުރެއްވިއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، އަދި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ދާއިރާގެ އެއްބަސްވުންތައް އާކުރުމާއި، ހަނިމާދޫ ވައިގެ ބަނދަރުގެ މަޝްރޫޢު ނިންމުން ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *