މި ސަރުކާރުން ނިންމީ އިންޑިޔާ ބުނިހާ ކަމަށް އެއްބަސްވެ، އިންޑިޔާ އުނގަށް އަރައި އިތުރު ދަރަނި ނަގަން: އުމަރު

މި ސަރުކާރުން ނިންމީ އިންޑިޔާ ބުނިހާ ކަމަށް އެއްބަސްވެ، އިންޑިޔާ އުނގަށް އަރައި އިތުރު ދަރަނި ނަގަން: އުމަރު

މިއީ "އިންޑިޔާގެ ގޮނޑި ކޮއްކޮ ސަރުކާރެއް" ކަމަށާއި، މި ސަރުކާރުން މިހާރު ވަނީ އިންޑިޔާއިން ބުނިހާ ކަމަކަށް އެއްބަސްވެފައި ކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ، ރައީސް ޑރ. މުޙަންމަދު މުއިއްޒަކީ މިހާތަނަށް ކެމްޕޭންގައި ރައްޔިތުންނަށްވީ ވައުދާ އެންމެ ބޮޑަށް ޚިލާފުވި ރާއްޖޭގެ ރައީސް ކަމުގައެވެ. އޭނާ ވިދާޅުވީ އިންޑިޔާގެ އަސްކަރިއްޔާވެސް ރާއްޖެއިން ފޮނުވާލާފައި ނުވާކަމަށާއި، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލި ވެރިޔަކަށް އިންޑިޔާއިން ދައުވަތު ދީގެން ގެންގޮސް ރަތްދޫލައިގައި މަރުޙަބާ ނުކިޔާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ވެރިޔަކު "ޔޫޓާން" ނުނަގާ މިންވަރަށް ރައީސް މުއިއްޒު "ޔޫޓާން" ނަންގަވައިފި ކަމަށެވެ. ރައީސް މުއިއްޒާއި މި ސަރުކާރަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވީ ރައީސް މުއިއްޒު ޔޫޓާންއެއް ނެންގެވީ ދެ ސަބަބަކަށްޓަކައި ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެއްސަބަބަކީ އިގްތިސޯދީ ޙާލަތު މިވަގުތު އޮތްގޮތެވެ. އެކަން ކުރެވެން އޮތީ ދައުލަތުގެ ޚަރަދު ކުޑަކޮށްގެން ކަމަށާއި، ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކޮށްގެން އެކަން ކުރަން ރައީސް މުއިއްޒު ބޭނުންފުޅުނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

"ދައުލަތުގެ ޚަރަދު ކުޑަކޮށްގެން މެނުވީ މި އިގްތިސޯދީ އަޑިގަނޑުން ސަލާމަތްވާކަށް ނެތް. އެކަމަކު މުއިއްޒު ބޭނުންފުޅެއްނުވޭ އެކަން ކުރާކަށް" އުމަރު ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި އިންޑިޔާ އުނގަށް އަރައި އިތުރު ދަރަނި އަޅުގަނޑުމެން ނެގުމަށް މި ނިންމީ. އެހެންވެގެން ޔޫޓާނެއް ނަގަން ޖެހުނީ" އުމަރު ވިދާޅުވިއެވެ.

ދެވަނަ ސަބަބަކަށް އުމަރު ވިދާޅުވީ "ވެރިއެއްގެ ގައިގައި ހުންނަންވާނެ އިޚްލާސްތެރިކަމާ ތެދުވެރިކަމާ ގަޓާ" މި ތިން ކަންތައް ރައީސް މުއިއްޒުގެ ނެތުމެވެ.

އުމަރު ވިދާޅުވީ އިންޑިޔާގެ "ދަށުނުވެ" އިންޑިޔާއާއެކު އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *