އދ.ގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓަރޭޒްއާ އާއި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --/ފޮޓޯ: އަބްދުﷲ ޝާހިދު

އދ.ގެ ޖެނެރަލް ސެކްރެޓަރީއާ ޝާހިދު ބައްދަލުކުރައްވައިފި

އދ.ގެ ޖެނެރަލް ސެކްރެޓަރީއާ ޝާހިދު ބައްދަލުކުރައްވައިފި

އދ.ގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓަރޭޒްއާ އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ޝާހިދު މިވަގުތު ހުންނެވީ އެމެރިކާގެ، ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހަށް ކުރައްވާ ޒިޔާރަތެއްގައި ނިއުޔޯކުގަ އެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ.އަށް އަލުން ޒިޔާރަތް ކުރަން ލިބިވަޑައިގަތުމަކީ ލިބިވަޑައިގަތް ނުހަނު ބޮޑު އުފަލެއް ކަމަށެވެ. އދ.ގެ މައި އޮފީހަށް މިއަދު ކުރެއްވި ޒިޔާރުތުގައި އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން އަޅުގަނޑު ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އެންޓޯނިއާ ގުޓަރޭޒްއަށް ދެއްވާފައިވާނެ. އަޅުގަނޑުމެން ދެ މީހުންނަކީ ވެސް ޑިޕްލޮމެސީގެ ހަމަތަކަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ދެ ބޭފުޅުން. އެގޮތުން ބައިނަލްއަގުވާމީ ކަންކަމުގައި އަދި ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގައި ޑިޕްލޮމެސީގެ ރީތި އުސޫލުން ވާހަކަދައްކައި މަޝްވަރާކޮށްގެން ކަންކަން ހަމަމަގަށް އެޅުވުމަށް ތާއީދުކުރައްވަން" ޝާހިދު ވިދާޅުވި އެވެ.

އޭނާއާއި އެންޓޯނިއޯ ގުޓަރޭޒްއާ ވެސް މަސައްކަތް ކުރައްވަނީ ހުރިހާ އެންމެން ތަމްސީލުވާނެހެން މަސައްކަތްކޮށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ދަމަހައްޓައި އަމާންކަން ގާއިމުކުރުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިއްޔެ ވަނީ އޮސްޓްރޭލިއާއިން، އދ. ކަނޑައަޅުއްވާފައިވާ ސަފީރު، ޖޭމްސް ލާސެން، ކެނެޑާއިން، އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ބޮބް ރައީ، ސޭޝަލްސްއިން އދ.އަށް ކަނޑައަޅުއްވާފައިވާ ސަފީރު ލެން މެޑަލައިން، ކުވޭތުން، އދ.އަށް ކަނޑައަޅުއްވާފައިވާ ސަފީރު ތާރިގް އަލްބަނާއި އަދި މޮރޮކޯއިން އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު އޮމަރް ހިލާލީއާ ބައްދަލުކުރައްވައި އެކި ދާއިރާ ތަކުން ޑިޕްލޮމެސީ ކުރިއެރުވުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އަދި ވަނީ އދ.ގެ އާންމު މަޖިލީހުގެ ޑެޕިއުޓީ ޖެނެރަލް އަމީނާ މުހައްމަދާވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ އެކި ދާއިރާ ތަކުން ޑިޕްލޮމެސީ ކުރިއެރުވުމަށާއި ހުރިހާ މީހުންގެ އަޑުތައް އަހައި އެ މީހުންގެ ޚިޔާލު ހޯދައިގެން ބައިނަލްއަގުވާމީ ކަންކަމަށް ހައްލު ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ.

އދ.ގެ ލީޑަރޝިޕް ރާއްޖެއިން އަދާކޮށްފައިވާއިރު، އދ.ގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބު ވެވަޑައިގެންފައި ވަނީ 2021 ޖޫން 7 ގަ އެވެ. މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ. ޝާހިދުގެ ދައުރު އދ.ގައި ހަމަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން އދ.ގެ އެންމެ މަތީ މަގާމު ހޯދައި، ދުނިޔޭގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރައްވާފަ އެވެ.

މީގެ އިތުރުން ވަނީ ތަރައްގީގެ ގޮތުން ފަހަތުގައިވާ ގައުމު ތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ އިންސާނީ އެހީގެ ޕްރޮގްރާމްތައް ފުޅާ ކުރެއްވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައިވަނީ އޭނާގެ ހަރުދަނާ ޑިޕްލޮމެސީއާއި ގައުމުތަކުގެ ލީޑަރުންނާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އުފެދިފައިވާ އިތުބާރުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *