ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ސްޕޯޓްސް ޓޫރިޒަމަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ނަމަވެސް މިވަގުތު ފަތުރުވެރި ކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ނެތިގެން ދިޔުމުގެ ބިރު ކަމަށް މަޓީގެ ވައިސް ޗެއާމަން އަދި ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ސޮނެވާ ރިސޯޓުގައި މިއަދު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަފީފު ރާއްޖޭގައި އެތުލެޓިކްސްގެ މުބާރާތްތަކާއި އޭޝިއަން ގޭމްސް އަދި ސާކް ގޭމްސް ބޭއްވުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުވެއްޖެނަމަ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށެވެ.
އަފީފު ވިދާޅުވީ ކުރިން ހަދައިފައިވާ ގޯސްތައް ހޯދައި ބަލައިގެން އެކަންތައް ތަކުރާރު ނުވާނޭހެން މަސައްކަތް ކުރުމުން ނޫނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތަކަށް ނުގެންދެވޭނެ ކަމަށެވެ.
"އެގޮތަށް ޓާގެޓްކޮށްގެން ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ކުރަމުން ދަމާ ހިނގާށޭ." އަފީފު ވިދާޅުވި އެވެ.
"ކުރިއަށް އޮތްތަނަށް ވިސްނަންޏާ ވޭތުވެދިޔަތާގައި އަޅުގަނޑުމެންނަށް ހެދުނު މިސްޓޭކްތަކާއި އެއްޗެހިތައް ބަލައިގެން އެކަމަށް ވިސްނައިގެން ކުރިއަށް ދަމާ ހިނގ،ާ އެހެންނޫނިއްޔާ އެ މިސްޓޭކްތައް އަލުން ރިޕީޓް ކުރެވޭނެ." އަފީފް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލިގެން ދިޔުމުގެ ބިރު ކަމަށް އަފީފު ވިދާޅުވި އެވެ. އެހެންކަމުން ޒަމާނުއްސުރެ ރާއްޖޭގައި އޮތް ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަޑް އަފީފް ވިދާޅުވި އެވެ.
"ދިވެހި ރާއްޖެ އޮތް ރީތި ކަމުގައި ބޭއްވޭތޯ ބަލަމާ ހިނގާށޭ. އަޅުގަނޑަށް ހީވަނީ މިހާރު އޮތް އެންމެ ބޮޑު އޮބްސްޓެކަލްއަކީ އެއީ." އަފީފް ވިދާޅުވިއެވެ.
ފަތުރުވެރިން ރާއްޖޭގެ ހަޑިކަމުގެ ވާހަކަ ދައްކައި، މަގުތަކަށާއި ބީޗުތަަކަށް ކުނި އުކާލާފައި ހުރުމުން އެވާހަކަ ދެއްކުމުން އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެކަން އަފީފު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ރާއްޖޭގެ ނަން ވެސް ހަޑިވެގެން ދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން އެއަށް ވެސް ބޮޑު ފޯކަސްއެއް ދޭންވީ. އަޅުގަނޑުމެންގެ ރީތި ރާއްޖެ ރީއްޗަށް ބޭއްވޭތޯ." އަފީފް ވިދާޅުވިއެވެ.