ބޭރު ފައިސާއާ ގުޅޭ ގަވާއިދުތައް ކަނޑައެޅީ ދިން ހިޔާލުތަކާ ދެކޮޅަށް؛ އެމްއެމްއޭއިން ކަންބޮޑުވުންތައް އެއަޑެއްނޭހި: މަޓީ

ބޭރު ފައިސާއާ ގުޅޭ ގަވާއިދުތައް ކަނޑައެޅީ ދިން ހިޔާލުތަކާ ދެކޮޅަށް؛ އެމްއެމްއޭއިން ކަންބޮޑުވުންތައް އެއަޑެއްނޭހި: މަޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއްޔެ ގެޒެޓުކޮށް، އިއްޔެ އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދު އެމްއެމްއޭއިން އެކުލަވާލާފައި ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހިޔާލުތަކާ ދެކޮޅަށް ކަމަށް މަޓީން މިއަދު ބުނެފި އެވެ.

ޓޫރިޒަމްް ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް، އަދި ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރުގެ ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް އިއްޔެ ގަވައިދު ތައާރަފު ކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޓީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

މަޓީން ބުނީ އެމްއެމްއޭއިން ގަވައިދުތައް އެކުލަވާލާފައިވަނީ ގުޅުންހުރި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ފާހަގަކުރެއްވި ނަމަވެސް، އެކަން ހިނގާފައިވަނީ އެގޮތަކަށް ނޫން ކަމަށެވެ. އެމްއެމްއޭއިން އެދިގެން ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ އާ ގަވައިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހެޅި ކަންކަމަކީ އެއްބަސްވެވޭ ކަންކަމެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށް މަޓީން ބުންޏެވެ.

ނަމަވެސް ގަވައިދު ގެޒެޓު ކުރި އިރު މަޓީގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދީފައެއް ނުވާ ކަމަށް މަޓީން ބުންޏެވެ.

އިއްޔެ އެކުލަވާލި އެ ގަވައިދާ އެކު ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށް ދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ.

އަދި ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ.

ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ

ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ދައްކަން ޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރެއިން ރިސޯޓު، އިންޓަގްރޭޓަޑް ރިސޯޓް، ރިސޯޓް ހޮޓާ، ސިޓީ ހޮޓާ، ޓޫރިސްޓް އުޅަނދު އަދި އެ ނޫނަސް އެފަދަ ތަންތަނެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓުހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވާތީ ޓޫރިޒަމް ސިނާއަތުގެ ބައެއް ބޭފުޅުންނާއި އިދިކޮޅުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *