ޖަލަށް ޑްރަގާއި ފޯނު ވެއްދި މައްސަލަ: ތިން އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައިފި

ޖަލަށް ޑްރަގާއި ފޯނު ވެއްދި މައްސަލަ: ތިން އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައިފި

ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށް ދެމުންދިޔަ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ކަރެކްޝަނަލް ސާވިސް 5 އޮފިސަރުންގެ ތެރެއިން 3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހަދައިފިއެވެ.

ޖަލަށް މަނާތަކެތި ވެއްދި ކަމުގެ ތުހުމަތުގައި 13 ޖަލު އޮފސަރުން ހައްޔަރުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވެއެވެ. މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވައްދައިދިނުމުގެ ތުހުމަތުގައި އެމީހުން ހައްޔަރު ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

އޭގެތެެރެއިން ދައުވާކުރީ 5 މީހެއްގެ މައްޗަށެވެ. ހެކި ނެތުމުގެ ސަބަބުން ދެންތިބި 8 މީހުންގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި ދައުވާކުރީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމް އާއި ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމްގެ އިތުރުން ގއ. ވިލިނގިލި، ކުއްޅަވައްގެ މުހައްމަދު ފަތޫހު ފަތުހުﷲ، އާއި ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގްގެ މައްޗަށެވެ.

މީގެތެރެއިން ޖިނާހް އަބްދުއްރަހީމާއި އަލީ ހިޝާމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ. އަލީ ނާޒިމް އާއި މުހައްމަދު ފަތޫހު ފަތުހުﷲ އަދި އަލީ އަސްފާގްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ޝަރީއަތް ފަށައިފައެވެ. މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތު ވަކީލު ވިދާޅުވީ، އޭގެތެރެއިން ޖިނާހާއި ފަތޫހު އަދި އަސްފާގާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ވަކީލު ނުދެއްވައެވެ. އިއުތިރާފްގެ އެއްބަސްވުމާއެކު، ކުރިއަށް ދިއުމުގެ ކުރިން މައްސަލައިގެ ބައެއް ލިޔުންތައް ދިރާސާ ކުރަން ބޭނުންވާ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ލިބިފައިނުވާ ބައެއް ލިޔުންތައް ހޯދަން ބޭނުންވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އެ ލިޔެކިއުންތައް ހޯދުމަށް އެ މައްސަލަ ބައްލަވާ ކުރމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވަނީ ފުރުސަތު ދެއްވައިފައެވެ. އަދި ދިފާއަށް ބޭނުންވާ ލިޔެކިއުންތައް ހޯދަން ޕީޖީ އޮފީހަށް ހުށަހެޅުމުން 10 ދުވަހުގެ ތެރޭގައި ވަކީލުންނަށް ޖަވާބު ދޭންވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި ދައުވާކުރި 5 މީހުންގެ ތެރެއިން ފަތޫހުގެ ވަކީލެއް ނެތުމުން ވަކީލަކު ހަމަޖައްސަން އޭނާއަށް ގާޒީ ފުރުސަތު ދެއްވިއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ކ. މާފުށިން ހައްޔަރު ކުރީ ނުވަ އޮފިސަރުން، ކާށިދޫން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެ އިން އޮފިސަރެކެވެ. މި 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެކަމުގައި ކަރެކްޝަންސްގެ ޖޫނިއާރ ލެވަލްގެ 18 އޮފިސަރަކު ހިމެނޭ ކަމަށާއި އެ މީހުންގެ އެކައުންޓުތަކަށް 73.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އޭގެތެރެއިން އެއް އޮފިސަރުގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *