ލަންކާގެ އާ ރައީސްގެ އިގްތިސޯދީ ވައުދުގެ ފުއްދުމުގެ ފެށުން: ކުރީގެ ރައީސުންގެ އިނާޔާތް ކަނޑާލުމުގެ މަސައްކަތް ފަށައިފި

ލަންކާގެ އާ ރައީސްގެ އިގްތިސޯދީ ވައުދުގެ ފުއްދުމުގެ ފެށުން: ކުރީގެ ރައީސުންގެ އިނާޔާތް ކަނޑާލުމުގެ މަސައްކަތް ފަށައިފި

ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދެމުން ގެންދިޔަ އިނާޔަތްތައް ކަނޑާލުމުގެ މަސައްކަތް، އެގައުމުގެ އާ ސަރުކާރުން ފަށައިފިއެވެ. މިއީ އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ރިޔާސީ ވައުދެއް ފުއްދުމަށް ފަށާފައިވާ މަސައްކަތެކެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުން 1986 ވަނަ އަހަރު ފާސް ކޮށްފައިވާ ޤާނޫނުގެ ދަށުން، އެ ގައުމުގެ ރައީސްކަން ކޮށްފައިވާ ކޮންމެ މީހަކަށް އުމުރު ދުވަހަށް ސަރުކާރުން ހިލޭ ގެދޮރު ދޭންޖެހެއެވެ. އަދި ގެދޮރު ނުދެވޭ ހާލަތްތަކުގައި އެއާ އެއްވަރުގެ އެލަވަންސެއް ކޮންމެ މަހަކު ދޭންޖެހެއެވެ. މީގެއިތުރުން އެހެނިހެން އިނާޔަތްތައްވެސް ޤާނޫނުގައި ހިމަނާފައިވެއެވެ.

ލަންކާގެ އާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ރައީސް އަނޫރާގެ އިންތިޚާބީ ވައުދާ އެއްގޮތަށް މި އިނާޔަތްތައް ކަނޑާލުމަށްޓަކައި ސަރުކާރުން ވަނީ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން މިއަދު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މިކަމުގެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.

މި ބަދަލު ގެނައުމަށް ޤާނޫނަށް އިސްލާހު ގެންނަން ޖެހޭނެތީ، މި މަސައްކަތް ފުރިހަމަ ކުރުމަށް ވަގުތު ނަގާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ރައީސް އަނޫރާގެ ސަރުކާރުން މި މަސައްކަތް ފެށުމަކީ އެ ސަރުކާރުގެ އިޤްތިސޯދީ އިސްލާހު ތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *