ޕީއެސްއެމްގެ މާލިއްޔަތުން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އޭސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަނަނީ ޖުލައިމަހުން ފެށިގެން ކަމަށެވެ.
އެ މައްސަލައިގެ ޕްރިލިމިނަރީ ތަހުގީގު ނިންމައި، އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ހުރުމުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ. އަދި އެ މައްސަލައާ ގުޅުންހުރި ޕީއެސްއެމްގެ ހާއްސަ އޮޑިޓް ކުރިއަށްދިޔައިރު، އޮޑިޓް އޮފީހުން އެ ކޮމިޝަނާ މަޝްވަރާކޮށް މައްސަލައިގެ ހެއްކާއޮގަރީނާއާ އަސަރު ނުކުރާނެ ގޮތަކަށް އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ޕީއެސްއެމްގެ އެ ހިޔާނާތުގެ މައްސަލަ އޭސީސީން ވަނީ މިމަހުގެ ތެރޭގައި ފުލުހަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ކަންކަން ކުރާނީ އޭސީސީން ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ. އެކަން ފުލުހުން ހާމަކުރީ މިއަދެވެ.
މި މައްސަލަ އުފެދިފައި މިވަނީ ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލައެއް އެ ތަނުގެ އޮޑިޓް ރިޕޯޓުން ފާހަގަ ވެފައި ވަނިކޮށެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޕީއެސްއެމުން ޑޮލަރު މާރު ކުރުމަށާއި އާމްދަނީ އިން އަދި ތިޖޫރީ އިން 9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފައިސާ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްއަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކިފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބި ހުރި މައްސަލައާއި ގުޅިގެން ޕީއެސްއެމްގެ ހާއްސަ އޮޑިޓެއް ކޮށްދިނުމަށް އެ ކުންފުނިން އެދިފައި ވާތީ "އޮޑިޓް ޤާނޫނު"ގެ ދަށުން އޮޑިޓާ ޖެނެރަލް އޮފީހުން ހެދި ރިޕޯޓު އިއްޔެ ވަނީ އާންމު ކޮށްފައެވެ.
އެ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ޕީއެސްއެމްއިން ގެއްލިފައި ވަނީ 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކައުންޓަށް ޖަަމާކޮށްފައިވާ 4.6 މިލިއަން ރުފިޔާގެ އިތުރުން 2017 އިން 2024 ވަނަ އަހަރުގެ އޭޕްރީލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ހުރި 190،000 ރުފިޔާ ކަމަށެވެ.
ޕީއެސްއެމްގެ ބޭންކު އެކައުންޓުން ވަނީ 2020 އަހަރުން ފެށިގެން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 373،988 ޑޮލަރު ގަތުމަށް 5.8 މިލިއަން ރުފިޔާ ނަގައިފައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެ ފައިސާގެ ތެރެއިން 80 ޕަސަންޓު ފައިސާ އަނބުރާ ޕީއެސްއެމްއަށް ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. ޕީއެސްއެމްއަށް ލިބުނު 20 ޕަސަންޓް ފައިސާއަކީ އެ ރުފިޔާއަށްވާ ޑޮލަރުގެ ތެރެއިން އެންމެ 76،731 ޑޮލަރު ކަމަށާއި ބާކީ 297،257 ޑޮލަރު ޕީއެސްއެމްއަށް ވަދެފައިވާކަން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ޑޮލަރު ގަތުމަށް ހިންގި އެ މުއާމަލާތްތަކުގެ ތެރެއިން 4.5 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ޗެކް މެދުވެރިކޮށް ކަމަށާއި އޭގެ ތެރެއިން 968،580 ރުފިޔާއާ ހަވާލުވެ، ސޮއިކޮށްފައި އޮތީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
"ޑޮލަރު ގަތުމަށް ޗެކު މެދުވެރިކޮށް ނެގި 4,500,867 ރުފިޔާގެ ތެރެއިން 968,580 ރުފިޔާއާ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ހަވާލުވެ ސޮއިކޮށްފައިވާކަން ފާހަގަކުރެވުނު. ބާކީ ހުރި ފައިސާ ނުލިބިގެން ފައިސާ ނަގަން ބޭންކަށް ދިއަ މުވައްޒަފުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އަދި އާންމު ގޮތެއްގައި ޕީއެސްއެމްގެ ބޭންކް އެކައުންޓުން ރުފިޔާ ނަގައިގެން ޑޮލަރު ގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކަމަށްވާތީ ޑޮލަރު ގަތުމަށް ބޭންކުން ނެގި ފައިސާ އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ބެލެވެއެވެ..،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
"އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 ރުފިޔާ، ޑޮލަރު ގަތުމަށް ނަގަފައިވާއިރު ޖުމުލަ 75,491 ޑޮލަރަށްވީ 1,164,068 ރުފިޔާ އެކިފަހަރު މަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށްކަން ފާހަގަކުރެވުނު،"
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެ މުއްދަތުގައި ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރަކަށް ހުންނެވީ އަހްމަދު ހަނީފެވެ. މި މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ މިދިޔަ އެޕްރީލް މަހު ސަސްޕެންޑުކޮށްފައެވެ. އަދި މާޗު މަހު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން:
. ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ 10 ބިލަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރު ގަތުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އެ ބިލްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ޑޮލަރު ގަތުމުގެ ނަމުގައި ޕީއެސްއެމްގެ ރުފިޔާ އެކައުންޓުން އިތުރަށް ޖުމުލަ 254,152 ރުފިޔާ ނަގާފައިވާކަމާއި އަދި އިތުރު 4 ފަރާތެއްގެ 11 ބިލަކަށް ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް އެކި ފަހަރުމަތިން 1,146,153 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ފައިސާ ނެގުމަށްފަހު އެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އަލުން ޕީއެސްއެމްގެ ބޭންކް އެކައުންޓުން ދައްކާފައިވާކަން ފާހަގަކުރެވުނު. މީގެ އިތުރުން އިތުރު 3 ބިލަކަށް ފައިސާ ދެއްކުމަށް 15,000 ޑޮލަރު ގަތުމަށް 231,300 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގުމަށްފަހު ޕީއެސްއެމްގެ ޑޮލަރު އެކައުންޓަށް އެހެން ފަރާތްތަކުން ޖަމާކޮށްފައިވާ ޑޮލަރު ބޭނުންކޮށްގެން އެ ބިލްތަކަށް ފައިސާ ދައްކާފައިވާކަން ފާހަގަކުރެވުނު.
. ޑޮލަރު ގަތުމަށް ނެގި ފައިސާއަށް ލިބުނު 76,731 ޑޮލަރުގެ ތެރޭގައި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ އަމިއްލަ ޑޮލަރު އެކައުންޓުން ޓްރާންސްފާކޮށްފައިވާ 10,947 ޑޮލަރާއި އޭނާ އޭޓީއެމް މެދުވެރިކޮށް ޖަމާކުރި 8,060 ޑޮލަރާއި އަދި އޭނާގެ ދަރިއެއްގެ އެކައުންޓުން ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ 36,071 ޑޮލަރު ހިމެނޭކަން ފާހަގަކުރެވުނު.
. ރާއްޖެއިން ބޭރުގެ ފަރާތްތަކަށް 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއިން 1.8 މިލިއަން ޑޮލަރު ނުދައްކާ ހުރި އިރު، ޑޮލަރު ގަތުމަށް ނެގި ޖުމުލަ 5.79 މިލިއަން ރުފިޔާގެ ތެރެއިން ޕީއެސްއެމްގެ ޑޮލަރު އެކައުންޓަށް ޖަމާކުރަމުން ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި އެމެޒޯން ވެބް ސާވިސަސްގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވި މިންވަރަށްކަމާއި އެ ކުންފުންޏަށް ފައިސާ ދައްކަމުން ގޮސްފައިވަނީ ޕީއެސްއެމް އިން ދައްކަންޖެހޭ މަހު ފީ ނުދައްކައިފިނަމަ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑާލުމުގެ ފުރުސަތު އޮތުމުންކަން ފާހަގަކުރެވުނު.
. ޕީއެސްއެމްއަށް 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު ނަގުދު ފައިސާގެ ތެރެއިން 4,260,295 ރުފިޔާ ޕީއެސްއެމްގެ ބޭނުމަށް ބޭނުންނުކޮށް އަދި އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށާއި ތިޖުރީއަށް ވައްދާފައިނުވާ އިރު، އެ ފައިސާގެ ތެރެއިން 4,148,060 މިލިއަން ރުފިޔާއާ އެންމެފަހުން ޕީއެސްއެމްގެ ތެރެއިން ހަވާލުވެފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުކަން ފާހަގަކުރެވުނު.
. ޕީއެސްއެމްގެ ތިޖޫރީގައި ޕެޓީކޭޝް ފިޔަވައި ނަގުދުން ހުންނަންޖެހޭ 190,087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް 07 އޮގަސްޓު 2021 ގައި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ހަވާލުވެފައިވާކަން އެނގެން އޮތް އިރު، އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާކަމާއި އެ ފައިސާ ގެއްލިފައިވާކަން ފާހަގަކުރެވުނު.
. ޑޮލަރު ގަތުމަށް އޮންލައިން ޓްރާންސްފާ ހަދައިގެން 1.27 މިލިއަން ރުފިޔާ ނަގާފައިވާ އިރު، ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަށާއި، ފައިނޭންސް މެނޭޖަރަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިތުރު ވެރިއެއްގެ ހުއްދައާ ނުލައި، ވަކި ލިމިޓެއް ނެތި އޮންލައިން ޓްރާންސްފާ ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުނު.
. ޕީއެސްއެމްގެ ބޭންކް އެކައުންޓުން 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޑޮލަރު ގަތުމުގެ ނަމުގައި 5.79 މިލިއަން ރުފިޔާ ނަގާފައިވާ އިރު، މި މުއްދަތުގައި ކުންފުނީގެ ބޭނުމުގައި ބޭރު ފައިސާ ހޯދުމުގައި އަމަލުކުރާނެ އެއްވެސް އުސޫލެއް އެކުލަވާފައިނުވާކަން ފާހަގަކުރެވުނު.
. ޕީއެސްއެމްގެ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ކުންފުނީގެ އެކައުންޓަށް ޖަމާކުރަމުންދާކަން ކަށަވަރުކުރުމަށް ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމެންޓްގެ އެއްވެސް މުވައްޒަފެއް އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަމާއި، 2019 އިން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ނަގުދު ފައިސާއިން ކޮށްފައިވާ ހަރަދުތަކާ ގުޅޭ ލިޔެކިއުންތައް އެކަށީގެންވާ މިންވަރަށް ބަލަހައްޓާފައިނުވާކަން ފާހަގަކުރެވުނު.
. ޕީއެސްއެމްގެ 2021 އަދި 2022 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓްކުރުމަށް ހުށަހަޅާފައިނުވުމާއި އޮޑިޓްކުރެވޭނެ އިންތިޒާމު 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ހަމަޖައްސާފައިނުވާކަމާއި ފާއިތުވި އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ކުންފުނީގެ ފައިނޭންޝަލް ރިޕޯޓިން ސިސްޓަމް ހަރުދަނާ ކުރުމަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅުތައް އަޅާފައިނުވާކަން ފާހަގަކުރެވުނު.