ހައުސިން މިނިސްޓްރީގެ ޕީއެސް މަގާމު ނުދީގެން ފަތުހުﷲ ހުށަހެޅި ދެވަނަ މައްސަލައިގައި ސިވިލް ކޯޓުން ހުރި ހުކުމް ބާތިލް

ހައުސިން މިނިސްޓްރީގެ ޕީއެސް މަގާމު ނުދީގެން ފަތުހުﷲ ހުށަހެޅި ދެވަނަ މައްސަލައިގައި ސިވިލް ކޯޓުން ހުރި ހުކުމް ބާތިލް

ހައުސިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ނުދީގެން ހއ. ކެލާ ފީރޯޒުފެ ފަތުހުﷲ އިސްމާއީ ބަދަލު ހޯދުމަށް ހުށަހެޅި ދެވަނަ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައަކީ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ފަތުހުالله އިސްމާއީލް ކުރިމަތިލުމުން އޭނާ އެމަގާމަށް ހޮވުނު ކަމާއ،ި އެ މަގާމަށް އައްޔަން ކުރެވޭނީ އެހެން މަގާމެއްގައި ހުރި ފަރާތެއްނަމަ އެ މަގާމުން ވަކިވިކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ހުށަހެޅުމުން ކަމަށް ސިވިލްސާވިސް ކޮމިޝން (ސީއެސްއީ)ން އެންގުމާ ގުޅިގެން، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކި ވުމުންވެސް ޕީއެސްގެ މަގާމު ނުލިބިގެން ހުށަހެޅި މައްސަލައެކެވެ.

ސީއެސްސީގެ އެންގުމާ އެއްގޮތަށް އޭނާ އޭރު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވީ 5 ފެބްރުއަރީ 2015 ގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޮމިޓީން ދިރާސާ ކުރަމުން ގެންދާތީ، އެ މަގާމަށް ފަތުހުﷲ ހަމަޖެއްސުން މަޑުޖައްސާލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިފައިވާތީ އެކަން މައުލޫމާތަށްޓަކައި އަންގާ ކަމަށް ބަޔާންކޮށް، 2 އޭޕްރީލް 2015 ގައި ސީއެސްސީން ފަތުހުﷲ އަށް ސިޓީއެއް ފޮނުވިއެވެ.

ސީއެސްސީން އެދިގެން އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވުމުންވެސް، ޕީއެސްގެ މަގާމު ލިބުނު ކަން އަންގައި، ވަޒީފާއަށް ނުކުންނަން އަންގާފައި ނުވާތީ ސީއެސްސީއާ ދެކޮޅަށް ފަތުހުﷲ ސިވިލް ކޯޓުގައި ދައުވާކުރިއެވެ. އެ ދައުވާގައި ފަތުހުﷲ އެދިފައި ވަނީ، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވުމުންވެސް ޕީއެސްގެ މަގާމަށް އައްޔަން ކޮށްފައި ނުވާތީ އެކަމުގެ ބަދަލު ހޯދުމަށެވެ. ފަތުހުﷲ އެދިފައިވާ ގޮތަށް އެ މައްސަލައިގައި ބަދަލު ނަގައިދެވޭނެ ޤާނޫނީ އަދި ޝަރުއީ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް އެ ހުކުމް ފަތުހުﷲ ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، ބަދަލުގެ ގޮތުގައި، ފަތުހުﷲ އަދާކުރަމުން ދިޔަ ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުގެ ޕްރޮގްރާމް އޮފިސަރުގެ މަގާމުން ވަކިކުރި ދުވަހުން ފެށިގެން އެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި އޭނާއަށް 278،154 ރުފިޔާ ދޭންޖެހޭ ކަމަށް 25 ފެބްރުއަރީ 2020 ގައި ހައިކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް އޭގެ ފަހުން މި މައްސަލައާއި ގުޅުން ހުރި އިތުރު ދައުވާއެއް ފަތުހުﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެއީ ސީއެސްއީ ކޮމިޝަން (ދައުލަތް) އާ ދެމެދު ގާނޫނީ ގޮތުން ބަނދެވިގެންދާ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް އޮތްކަމަށް ހައިކޯޓުގެ ހުކުމްގައި ކަނޑައަޅާފައި ވާތީ ޕީއެސްގެ މަގާމަށް އޭނާ ހޮވުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް ސީއެސްސީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެއީ އެކޯޓުގައި އިތުރަށް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ. އެ ހުކުމްވެސް ފަތުހުﷲގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، އެކަމާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *