އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރަކަށް ޑރ. ހަރިނީ އައްޔަން ކޮށްފިއެވެ.
މިއީ އެ ގައުމުގެ ބޮޑުވަޒީރުކަން އަންހެނަކަށް ލިބިގެންދިޔަ ތިންވަނަ ފަހަރެވެ. މީގެކުރިން ބޮޑުވަޒީރުކަން ކުރެއްވި އަންހެން ބޭފުޅުންނަކީ ސިރިމާވޯ ބަންޑާރަނައިކޭ އާއި ޗަންދްރިކާ ބަންޑާރަނައިކޭއެވެ.
ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރުކަމަށް ޑރ. ހަރިނީ އައްޔަން ކުރެއްވިއިރު، އޭނާއަކީ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އެލަޔަންސްގައި ހިމެނޭ މައި ޕާޓީ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޖޭވީޕީ)ގެ މެންބަރެކެވެ.
އުމުރުފުޅުން 50 އަހަރުގެ ހަރިނީއަކީ އެ ގައުމުގެ ޕާލިމެންޓްގައި އެންޕީޕީ ތަމްސީލުކުރާ ތިން މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ބޮޑުވަޒީރު ކަމުގެ އިތުރުން އޭނާއަށް ވަނީ ޖަސްޓިސް، އެޑިޔުކޭޝަން އަދި ލޭބާ މިނިސްޓްރީގެ ޒިންމާތައްވެސް މަތިކޮށްފައެވެ.
ޑރ. ހަރިނީއަކީ ސޯޝިއޮލޮޖީ ލެކްޗަރާއެކެވެ. ސިޔާސީ މައިދާނުގައި އޭނާ ބޮޑަށް ހަރަކާތްތެރިވާން ފެށީ 2011 ވަނަ އަހަރުއެވެ.
ސްރީލަންކާގެ އާ ބޮޑުވަޒީރު ކަމަށް ޑރ. ހަރިނީ އައްޔަން ކުރެވިގެން ދިޔައިރު، އެ ގައުމުގެ އާ ރައީސަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކުރެއްވި ޑިސަނަޔަކައެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ 42.31 އިންސައްތަ ވޯޓުންނެވެ.