ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް އެއްބާރުލުން ދޭނަން: އައްބާސް

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް އެއްބާރުލުން ދޭނަން: އައްބާސް

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްބާސް މިއަދު ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ބައްދަލު ކުރައްވައިފައެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި އައްބާސް ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި އެކަމާބެހޭ މަޝްވަރާތައް ކުރެއްވި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކޮރަޕްޝަން މައްސަލަ ތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އައްބާސް ދެއްވާފައިވާ ކަމަށް ޕީޖީން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް އޭސީސީން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މިހާތަނަށް 11 މައްސަލައެއް އޭސީސީން އެ އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *