ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލު ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ހުކުމް ކުރި މައްސަލައިގައި އިތުރު ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި ސުޕްރީމް ކޯޓުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާލައިފިއެވެ.
ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފްގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައި ވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.
މި މައްސަލަ ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ގޯސްކޮށް ކަމަށް ބުނެއެވެ.
އެކަން ސާބިތު ކުރުމަށްޓަކައި ސަމާހުގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
އެ ނުކުތާތަކުގެ ތެރެއިން ހައިކޯޓުން އެ މައްސަލަ އަށް ތާއީދު ކޮށްފައިވަނީ ގޯސްކޮށްކަން ފާހަގަވާ ކަންތައްތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ސަމާހުގެ ދިފާއީ ވަކީލު ހަމްޒާލަތީފު ވިދާޅުވީ، އެ މައްސަލަ ބެލުމުގެ ސްކޯޕް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދަށު ކޯޓުގެ ހުކުމަކީ ނިހާއި ހުކުމެއްކަން ކަނޑައެޅުމަށް އޮންނަ ސުޕްރީމް ކޯޓުގެ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ މައްސަލައިގައި ޕީޖީން ހުށަހެޅި ނުކުތާތަކަށް ގޮތް ކަނޑައެޅުމުގެ އުސޫލުން، މައްސަލަ ރިވިއު ކުރުމަށް އޮންނަ އުސޫލާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ސަމާހު ކުށަށް އިއުތިރާފްވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވައި، އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، އެ ހުކުމުގައި ސަމާހު ކުށަށް އިއުތިރާފްވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސަސީ ހައްގުތައް ސަމާހަށް ލިބިނުދެވޭގޮތަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ސަމާހުގެ އިއުތިރާފްގެ މައްޗަށް، އެ މައްސަލައިގައި ހުކުމްކޮށްފައިވާ ކަމަށް ހުކުމުގައި ބުނާ އިރު، އޭނާ އިއުތިރާފުވާ ކަމަށް ބުނާ ބަހުން އެއްކޮށް ރުޖޫއަވެ، އޭނާ އެއްވެސް އިރެއްގައި ކުށަށް އިއުތިރާފްވެފައި ނުވާނެ ކަމަށް ބުނާ ބުނުމަށް ރިއާއަޔް ކުރުމެއްނެތި، އެކަމުން ރުޖޫއަ ވެވޭނެ ހާލަތެއްނެތް ކަމަށް ހުކުމްގައި ކަނޑައަޅާފައި ވަނީ، ގާނޫނު އަސާސީގައި ބުނާ މިންގަނޑަށް ލާއިންސާނީ އަނިޔާއިން ރައްކާތެރި ކުރުމުގެ ހައްގު ކަށަވަރުކޮށްދޭންޖެހޭ މިންގަނޑަށް ކަށަވަރު ކޮށްދިނުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ.
އަދި ބަހުސްގެ ބޭނުމަށް، ސަމާހުގެ ފަރާތުން ސައްހަ އިއުތިރާފެއް ވެފައިވާކަމަށް ބެލިޔަސް އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި އަސާސެއް ކަމަށް ބަލާފައިވާ، ބާލިގުވެފައިވާ ވާރިސުންގެ ހަމައެކަނި ބަހުގެ މައްޗަށް ގިސޯސް ހިފޭނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ގާނޫނުލް އުގޫބާތާއި ގާނޫނުއަސާސީގެ ރޫހާއި އިސްލާމީ ޝަރީއަތުގެ މަގާސިދުތަކާ ހިލާފް ނިމުމެއް ކަމަށްވާތީ، އެނިންމުމާ ދުރަށް ޖެހިވަައިގަތުމަށް ވަކީލު ވަނީ ސުޕްރީމް ކޯޓުގައި ދަންނަވައިފައެވެ.
އެއީ އެ މައްސަލައިގައި ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، ބާލިގު ވެފައިވާ އާދަމް ހަލީމުގެ ވާރިސުން ކަމަށްވާ، އާދަމް ހަލީހުގެ ބައްޕަ އާއި މަންމަ އާއި އަނބިމީހާ ސަމާހު މެރުމަށް ބޭނުންވާތީއެވެ. ނަމަވެސް އާދަމް ހަލީމުގެ ތުއްތު ދަރިފުޅެއް ހުރުމުން، އެ މައްސަލައިގައި އެކުއްޖާގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް ދިފާއުން ވަކާލާތު ކުރެއެވެ. ދިފާއުން ބުނަނީ އެކުއްޖާ ބާލިގުވާ އުމުރަަށް އެޅުމުން ނަމަވެސް އެ މައްސަލައިގައި އޭނާގެ ހައްގު އޮންނަ ކަމަށެވެ.
މި މައްސަލައިގައި ތަކުރާރުކޮށް ދައުލަތުން ބުނަނީ، އާދަމް ހަލީމް މަރުވެފައިވަނީ، ސަމާހު ދިން ހަމަލާއިން ކަމަށާއި އެކަމަށް ސަމާހު އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރިކަމެއް ނޫން ކަމަށް އޭނާ މިހާރު ބުނަމުން ގެންދިޔަ ނަމަވެސް އެއީ އޭނާ ކުރިކަމެއް ކަމަށް އޭނާގެ ވާހަކައިން ސާބިތުވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އަދި ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ ވެސް ވަނީ އެގޮތަށް އަމަލު ކުރައްވާފައިވާކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ސަމާހު ކުށަށް އެއްބަސްވިއިރު، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައިވެސް އޭނާގެ މައްޗަށް ޕްރޮސެކިއުޝަނުން ކޮށްފައިވާ ގަސްދު މަރުގެ ކުށަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވީ، ދަށު ކޯޓުގައި ސަމާހު ކުށަށް އިއުތިރާފްވުމުން އޭނާއާ ދެކޮޅަށް އިތުރު ހެއްކެއް ހޯދަން ފުލުހުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ އިއުތިރާފް ސަމާހު ފަހުން އަނބުރާ ގެންގޮސްފައި ވާއިރު، އެއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށާއި، މި ހާލަތުގައި އޭނާގެ އިއުތިރާފްގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތުވާނެ ކަމަށް ނުނިންމޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި ފެންނަން އޮތީ ދައުވާލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައި، އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީއެންމެ އަވަހަކަށް ރެކޯޑުކުރުމުން ފުދިއްޖެ ކަމަށް ބަލައި، ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުމާއި، އަދި ދައުވާލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައި، ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކެއް ކޯޓަށް ހާޒިރުނުކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލުން ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ސަމާހަށް އަނިޔާކުރިކަން އެނގޭ ހެކިން ތިބިކަމަށާއި، އެ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން ނުދޭކަމަށް ކުރިމިނަލް ކޯޓާއި ހައިކޯޓިގައި ސަމާހުގެ ފަރާތުން ބުނެފައިވާތީ، މިފަދަ ހެކިންތިބި ނަމަ އެ ހެކިން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ ފުރުސަތު ސަމާހުއަށް ދިނުމަށް ކުރިމިނަލް ކޯޓަށް އަންގައި އަދި މި މައްސަލައިގައި ސަމާހުގެ ބަޔާނުގެ އިތުރުން މިނިވަން މުސްތަގިއްލު ހެތްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުތު ދިނުމަށްފަހު، މި މައްސަލައިގައި ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށް ޓަކައި މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރާކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑީޔާރުންގެ އިއްތިފާގުން މި މައްސަލައިގައި އެކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.