އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ އާދަމް އަތުހަރުގެ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީން ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަތުހަރުގެ މަރުގެ މައްސަލައިގައި ތަފްސީލު ނުވަތަ އެ މައްސަލައާ ގުޅިގެން މާގިނަ ވާހަކަ ދެއްކެން އަދި ނެތް ކަމަށެވެ.
"އޮޓޮޕްސީ ނިމިފައި އޮޓޮޕްސީގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެ ރިޕޯޓުގައި ކޯޒް އޮފް ޑެތްގެ ގޮތުގައި ނުވަތަ މަރުވާން ދިމާވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންސިސްޓެންޓް ވިތު ޑެތް ޑިއު ޓު ހޭންގިން،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ އަތުހަރުގެ މަރުގެ މައްސަލައަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލު ލިބޭނީ އެ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އަތުހަރުގެ އޮޓްޕްސީ ކުރިއަށް ގެންދިޔައީ ފުލުހުން ބެލުމުންގެ ދަށުން ކަމަށެވެ. އެޗްއާރުސީއެމްގެ ބޭފުޅަކު ވެސް އޮޓޮޕްސީގެ ކަންކަމުގައި ބައިވެރިވި ކަމަށް ޝފާއު ވިދާޅުވި އެވެ.
ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަތުހަރު މަރުވީ މި މަހު ދެވަނަ ދުވަހުއެވެ.އެހެންވެ، އޭނާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެއެވެ.