މިހާކު ރަހީނުކޮށް އިނގިލި ބުރިކޮށްލުމުގައި ސިފައިން ދެ މީހަކު ވަނީ ބައިވެރިވެފަ

މިހާކު ރަހީނުކޮށް އިނގިލި ބުރިކޮށްލުމުގައި ސިފައިން ދެ މީހަކު ވަނީ ބައިވެރިވެފަ

ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އެ މީހާގެ އިނގިލި ބުރިކޮށްލުމުގައި އެމްއެންޑީއެފްގެ ދެ މީހަކުގެ ބައިވެރިވުން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

މި އަހަރުގެ މެއި 25 އިން ޖޫން 25 އަށް ހުއްދަ ނޫން ގޮތުގައި މޭލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނާ މައްސަލައެއް ވަނީ ފުލުހުންގެ ސަމާލު ކަމަށް އައިސްފަ އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވަނީ ޖޫން 25 ވަނަ ދުވަހު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން، އެތަނުގައި އެވަގުތު ޑިއުޓީ ކުރަމުން ދިޔަ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުން ކަމަށެވެ.

"އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރައި، ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައި ހުރިކަން ފާހަގަކުރެވުނު. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ޒަހަމްތަކެއް ވެސް ފެންނަން ހުރި،" ޝިފާއު ވިދާޅުވި އެވެ.

"އެ އަނިޔާތަކުގެ އިތުރުން ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެ ވަނަ ބަދައިގެން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު."

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.

އަލީ ސާމީ (24އ)، ރ. ކަނދޮޅުދޫ، މިހުރާ
އަހުމަދު ސާއިފް ވަހީދު (18އ)، ގދ. ގައްދޫ، ހުދުވެލި
މުހައްމަދު ނައުޝަން ހުސެއިން (21އ)، ތ. ތިމަރަފުށި، އުތުރުގެއާގެ
މުހައްމަދު ނަފާހު (23އ)، ކ. މާފުށި، ފުލްމޫން
އަހުމަދު ޒަޔާން (24އ)، ލ.ގަން/ތުނޑި، ލިންކް

ޝިފާއު ވިދާޅުވީ، އަލީ ސާމީ، އަހުމަދު ސާއިފް ވަހީދު، މުހައްމަދު ނައުޝަންގެ އިތުރުން އަހުމަދު ޒަޔާން، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާއިރު، މުހައްމަދު ނަފާހު މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ

މީގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރާ ދެ މީހުން ކަމަށާއި މިކަމުގެ މައުލޫމާތު އެމްއެންޑީއެފްއާއި ހިއްސާކޮށް، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެމްއެންޑީއެފުން ވެސް އަޅަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިން ވެސް ހިމެނޭތީ އެކަން ވެސް ބަލަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *