މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރަކަށް ހެދިގެން ބިދޭސީން އުޅޭ ތަނަކަށް ވަދެ، ބިދޭސީއެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު މީޑިޔާ ތަކަށް ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުން ތަކެއް ކަމަށް ބުނެ ތިން މީހަކު ވަދެ ބަންގްލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގ. ބެރުގެ/ މުހައްމަދު ނަވީން (44އ.) ހައްޔަރު ކޮށްފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމިގްރޭޝަންގެ ރެއިޑް ތަކުގައި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރުގެ އޮޕަރޭޝަން ތަކަކީ ޔުނީފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަން ތަކެއް ކަމަށްވެސް ވިދާޅުވިއެވެ.