ޔާމީންގެ ޝަރީއަތް- ތަހުގީގަށް ދިން އިންޓަވިއު ތަކުގެ ސީޑީތައް ދޭން އެދިއްޖެ

ޔާމީންގެ ޝަރީއަތް- ތަހުގީގަށް ދިން އިންޓަވިއު ތަކުގެ ސީޑީތައް ދޭން އެދިއްޖެ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް، ތުހުމަތުުރާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ތަކުގެ ތަހުގީގު މަރުހަލާގައި ހަނު ހުންނެވި ކަމަށް ކޯޓުގައި ދައުލަތުން ތަކުރާރު ކުރާތީ، ފުލުހުންގެ ތަހުގީގަށް ޔާމީން ދެއްވި ބަޔާންތައް ހިމެނޭ ވީޑިޔޯ ރެކޯޑިންގ ތަކުގެ ސީޑީތައް ދިނުމަށް ކްރިމިނަލް ކޯޓުގައި ޔާމީން އެދިވަޑައިގެންފިއެވެ.

ޔާމީން މިކަމަށް އެދިވަޑައިގަތީ، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުން ދަށު ކޯޓުން ކުރިއަށް ގެންދާ އެ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައެވެ.

ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެންމެ ފުރަތަމަ ދަށު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު އެކަމާބެހޭ ލިޔެކިއުން ތަކާއި ކްލިޕް ތަކާއި ކްރިމިނަލް ކޯޓަށް ނުވަންނަ ކަމަށެވެ.

"އެހެންވީމަ ހައި ކޯޓުގައި އިސްތިއުނާފް މަރުހަލާ ނިމިގެން ދިޔައިރުވެސް އެ ކްލިޕްތަކާއި ރެކޯޑިންތަކެއް ލިބިފައެއްނުވޭ، ދައުލަތަށްވެސް އެ ލިބިފައި ހުރިކަމަށް ގަބޫލެއް ނުުކުރެވޭ. ދައުލަތުން މައްސަލައެކީ ސުޕްރީމް ކޯޓަށް ވައްދާފައެއްނުވޭ އެއެއް، އެހެން ނަމަވެސް އެހެން މައްސަލައެއްގައި ހުރިހާ ލިޔެކިއުން ތަކާއި ޕޮލިސް ތަހުގީގުގައި ހިންގާ އޯޑިޔޯ ތަކާއި ވީޑިޔޯ ކްލިޕްތައް ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓް ނިންމީމަ ހަގީގަތުގައިވެސް ބަލަން ބޭނުންވަނީ ކަންހިނގާފައި ވާގޮތް، އަޅުގަނޑުމެންނަކަށް ނޯވޭ އެ ބެނެފިޓެއް. ޕޮލިސް އަށާއި ދައުލަތަށް އޮވޭ ބެނެފިޓް ތަހުގީގުގެ ހުރިހާ ލިޔެކިއުން ތަކާއި ރެކޯޑިންގތައް ބެލުމަށް ނަމަވެސް މައްސަލަ ރައްދުވާ ފަރާތަކަށް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ.

އެހެން ކަމުން ޔާމީން ވިދާޅުވީ، ޕޮލިސް ތަހުގީގުގައި އެކަންތައް ދިޔައީ ކިހިނެއްތޯ ބަލަން ބޭނުންވާ ކަމަށެވެ. ޔާމީން ވިދާޅުވީ، ހަނދާނަށް ބުރަވާއިރު، އޭރު ދިޔައީ އެމަނިކުފާނާ ގުޅޭ ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭރު ވަރަށްގިނަ ކަންތައްތައް ހުށަހެޅިފައި އޮތް ކަމަށާއި، އޭގެތެެރެއިން ބައެއް ޑޮކިއުންމެންޓްތައް ފޯނުން ފޯޓޯނަގާފައި ވާތީ، އެކަންކަމާބެހޭ ގޮތުން ދިފާއުގައި ވާހަކަ ދައްކަން ބޭނުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ބަލަނީ ހަނު ހުރުމުގެ ގޮތުގައި ކަަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގެ ހުރިހާ ލިޔެކިއުންތަކާއި ވީޑިޔޯ ކްލިޕްތައް ލިބެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަކާއި ގުޅިގެން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެވާހަކަ ތަކާއި ގުޅިގެން ގާޒީ ވިދާޅުވީ، މައްސަލައާއި ބެހޭގޮތުން ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ ލިޔެކިއުން ތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކޯޓަށް ހުށަހަޅާފައިނުވާ ލިއުމެއް ފޯރުވައި ނުދެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *