ބަންގުލަދޭޝްގެ ނަރުހުންނަށް ރާއްޖެއިން ވަޒީފާ ދިނުމަށް އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ.
ބަންގުލަދޭޝްގެ ސަރުކާރުން އެގޮތަށް އެދިފައިވަނީ ރާއްޖެއިން ބަންގުލަދޭޝްއަށް ކަނޑައަޅައިފައިވާ ސަފީރު ޝިއުނީން ރަޝީދު، ބަންގުލަދޭޝްގެ ފޮރިން ސެކްރެޓަރީ އެމްޑީ ޖާޝިމް އުދިންއާއެކު ބަންގުލަދޭޝްގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލު ވުމެއްގައެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުންވެސް ވަނީ މަސްވެރިކަމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އެ ބައްދަލުވުމުގައި ޖާޝިމް އުދިން ވަނީ ރާއްޖެއާއި ބަންގުލަދޭޝްއާއި ދެމެދު އިތުރު ދާއިރާތަކުންވެސް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ.
އެ ބައްދަލުވުމުގައި ޝިއުނީން ވަނީ ޖާޝިމް އުދިއްން ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވާތީ އެކަމަށް މަރުހަބާ ދަންނަވައިފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ މަސައްކަތް ތެރިންނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިންތަކެއް ކަމަށް ޝިއުނީން ވިދާޅުވިއެވެ.
ޝިއުނީން އިތުރަށް ވިދާޅުވީ ބަންގުލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް އެތެރެ ކުރުން މަނާކުރުމާއި ގުޅޭގޮތުން އަޅައިފައިވާ ވަގުތީ ފިޔަވަޅު ވަރަށް އަވަހަށް އުވާލާނެ ކަމަށެވެ