މާލެ ކައިރި ފިނޮޅަކަށް ގޮސް ހުއްޓާ ގެއްލުނު ތަސްލީމު ހޯދަން އިންޓަޕޯލްގެ ޔެލޯ އެލާޓަކަށް އެދެނީ

މާލެ ކައިރި ފިނޮޅަކަށް ގޮސް ހުއްޓާ ގެއްލުނު ތަސްލީމު ހޯދަން އިންޓަޕޯލްގެ ޔެލޯ އެލާޓަކަށް އެދެނީ

ކ. ހުވަފެންފުށި ކައިރިއަށް ދަތުރުގޮސް އުޅެނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ގެއްލުނު ކ. މާލޭ / މ.އަސަރީހަދާން، ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއެއް ނެރެފިއެވެ.

ޔެލޯ ނޯޓިސް ނެރޭނީ ގެއްލިގެން މީހަކު ހޯދުމަށެވެ. ތަސްލީމް ގެއްލުނީ ރައްޓެހިންތަކަކާއެކު ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަސްލީމު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ފަސްގަނޑު ހިމެނޭހެން، ކަނޑުގެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގުނު ގޮތުގައި، ހުވަފެންފުށި ކައިރި ފަސްގަނޑަށް ދަތުރު ދިޔުމަށްޓަކައި، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 5:00 އާ 5:30 ދެމެދުގެ ވަގުތެއްގައި މާލޭ ދެކުނު ފަރާތު ޖެޓީއިން ފުރި ކަމަށެވެ. އަދި ތަސްލީމު ހިމެނޭހެން މި ދަތުރުގައި 25 މީހުން ދިޔަ ކަމަށްވެސް ތަހުގީގަށް އެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެތެރޭގައި ކުޑަ ދެ ކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި ދަތުރަކީ މީހެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ކުރި ދަތުރެއް  ކަމަށާއި ތަސްލީމު މި ދަތުރުގައި ބައިވެރިވީ ބެކްޑްރޮޕް އަދި ލައިޓިން ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމު ހިމެނޭ ގުރޫޕު ފަސްގަނޑަށް ދިޔައިރު އެތަނުގައި އެހެން ބަޔަކުވެސް ތިބި ކަމަށާއި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭ 12:00 އާ ހަމަޔަށް ތަސްލީމު އޭނާގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަން ނަގާފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އޭގެ ފަހުން އޭނާ ޓެންޓުގައި ނިދާފައި އޮތްތަންވެސް ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

އަދި އޮގްސޓު 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައިވެސް ތަސްލީމު އޭނާ އާއެކު ދަތުރު ދިޔަ މީހުންނާއެކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތަސްލީމު ފަސްގަނޑުގަ ހުއްޓާ އެންމެ ފަހުން ފެނުނީ އެ ދުވަހުގެ ހެނދުނު 7:45 އަކާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމު މާލެ ދާން ބޭނުންވާ ކަމަށް ދަތުރުގެ ބައިވެރިން ގާތު ބުނެފައި އޮތުމުން އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު ފިނޮޅުން މާލެ ފުރި ލޯންޗުން ތަސްލީމު މާލެ ފުރުވާލުމަށް އޭނާ ހޯދަން ފެށި ކަމަށް ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާ ނުފެނުމުން އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ބެލުމަށް އާއިލާ އަށް ގުޅި ކަމަށްވެސް ބައިވެރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާ މާޅެ އައިސްފައިނުވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައިވާތީ އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ބައިވެރިން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ

ތަހުގީގު ތެރެއިން ތަސްލީމާއެކު ދަތުރު ދިޔަ މީހުންނާއި އޭގެ ކުރިން އެ ފަސްގަނޑަށް ދަތުރުދިޔަ 12 މީހުންނާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި ތަސްލީމު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެއިތުރުން ތަސްލީމާއި އިތުރު މީހުން ދަތުރު ދިޔުމަށް ބޭނުން ކުރި ދެ ލޯންޗެއްވެސް ބަލައި ފާސްކޮށް ތަސްލީމު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތައް ބަލައި އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއެއް ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *