އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އީސީގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. އީސީގެ މެންބަރު ކަމަށް ފުއާދު އައްޔަންކޮށްފައިވަނީ 2019 ނޮވެމްބަރު 24 ގަ އެވެ. އޭނާގެ ދައުރު މިއަންނަ ނޮވެމްބަރަށް ހަމަވާނެ އެވެ.
ފުއާދު ވަނީ އޭގެ ކުރިން ވެސް އީސީގެ މެންބަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އެގޮތުން 2008 ވަނަ އަހަރު އެންމެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް ފުއާދު އެ ކޮމިޝަނުގައި ހުންނެވި އެވެ.
ރައީސް އޮފީހުން ބުނީ އީސީގެ މެންބަރު ކަމަށް މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވެން ހުންނާނެ ކަމަށެވެ. މެންބަރު ކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
އީސީގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް:
– އުމުރުން 25 އަހަރުވެފައިވާ މީހުންނަށް
– އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހުންނަށް
– އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުން ނުދާ މީހުންނަށް
– ސަރުކާރުގެ ނުވަތަ އެހެން ވެސް ތަނެއްގައި ވަޒީފާއެއް އަދާނުކުރާ މީހުންނަށް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކޮށްގެންނެވެ. އަދި އެ ކޮމިޝަނުގެ ރައީސް އިންތިހާބު ކުރާނީ ކޮމިޝަނުގެ ފަސް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.