ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލަން ސަރުކާރަށް ގޮވާލަން: އެމްޑީޕީ

ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލަން ސަރުކާރަށް ގޮވާލަން: އެމްޑީޕީ

ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލުމަށް އިދިކޮޅު މައި ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައި ނޫސްބަޔާނެއް ނެރެފިއެވެ.

އެމްޑީޕީން މިފަދައިން ގޮވާލާފައި މިވަނީ، އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ގައި ލިޔެފައިވާ "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" މި އާޓިކަލާއި ގުޅިގެން، އެ ޚަބަރު ދޮގު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންނާމެދު ދޮގު ޚަބަރު ފަތުރާ މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައި ވަނިކޮށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ" ހީނާ ވިދާޅުވިއެވެ.

މިއާއެކު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނޫސްވެރިކަން ކުރުމާއި, ބަރާއި މައުލޫމާތު ޝާއިއު ކުރުމާއި, އެ ޚަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގުގެ ބޭނުން ހިފައި ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ހުދުމުޚްތާރު ވެރިކަމަކަށް ފަހި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ޕާޓީން ދެކޭކަމަށްވެސް ބުނެފައިވެއެވެ.

"ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާއިރު ސަރުކާރުން ކުރާ ނޭއްގާނީ ކަންކަމުގެ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބިރު ދައްކައި އަދި އެކި ގޮތްގޮތުން ގޯނާ ކުރުމަކީ އެފަދަ މީޑިއާތަކާއި ނޫސްވެރިންގެ އަޑު ކަނޑުވައިލުމަށް ރާވައި އިންތިޒާމުވެގެން ސަރުކާރު އިސްވެ ކުރާ ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *