ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ 50އ ގެ ހަށިގަނޑު އިތުރު ތަހުގީގަށް މާލެ ގެނަސްފިއެވެ.
ފުލުހުން ބުނީ އޭނާގެހަށިގަނޑު ރޭ ދަންވަރު މާލެ ގެނަސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެމައްސަލައާގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޒަކިއްޔާ މަރުވެފައި އޮތީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ އިއްޔެ ހެނދުނު އެ ގެއިން ކުނި ނަގަންދިޔަ މުނިސިޕަލް މުވައްޒަފުންނަށް ކަމަށްވެސް ބުންޏެވެ.
ޒަކިއްޔާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އަދި އޭނާ އޮތް ސަރަހައްދު ކައިރިން ބޮޑު ވަޅިއެއް ވެސް ފެނިފައިވާ ކަމަށް އެ ރަށު މީހުން ބުންޏެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.