ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ރާއްޖެއަށް އައުމަށްފަހު ޖެހިގެން އަންނަ ދުވަހު ރާއްޖެއިން ފުރާ އިންޑިއާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާން (27އ) އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މަނީ ލޯންޑަރިންގެ ތުހުމަތަށެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން އިއްޔެ ވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ އޭނާގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާއަކީ އޭނާއަށް ކިހިނެތް ލިބުނު ފައިސާއެއްކަން ފުލުހުން ސުވާލު ކުރުމުން ސާފުކޮށްދީފައިނުވާ ކަމަށެވެ. އޭނާ ރާއްޖެއަށް ހިފައިގެންއައި ގިނަ އަދަދެއްގެ ޑޮލަރަކީ އެހެން މީހަކު އޭނާއަށް ހަވާލުކުރި އެއްޗެއްކަން ދޭހަވާ ލިޔުމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަކީ ވަރަށް ގިނައިން ރާއްޖެ އެތެރެވެ ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއް ކަމަށާއި އޭނާގެ ނަންވެސް ޕާސްޕޯޓުން ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ އިންޑިއާ މީހާގެ ވަކީލު ވިދާޅުވީ ކަސްޓަމުން އޭނާގެ މުވައްކިލުން ހިފެހެއްޓީ ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ރާއްޖެއަށް އައިސްފާތީ ކަމަށެވެ. އެ ފައިސާއަކީ މުވައްކިލު ސައްހަ ގޮތުގައ ހޯދާފައިވާ ފައިސާތަކެއް ކަމަށް ވަކީލު ވިދާޅުވި އެވެ. މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ފުލުހުން އެއްވެސް ހެއްކެއް މުވައްކިލާ ދެކޮޅަށް ހުށަހަޅާފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންވެ ހަރުކަށި ފިޔަވަޅުތަކާއެކު މުވައްކިލު ބަންދުން ދޫކޮށްލަށް ދިނުމަށް އެދޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ގާޒީ އަމުރުކުރެއްވީ އިންޑިއާގެ އެ މީހާ ފަސް ދުވަހަށް ބަންދު ކުރުމަށެވެ.
އެއީ އޭނާއަށް ކުރަނީ ޖިނާއީ ބޮޑެތި ތުހުމަތަކަށް ވުމުންނާއި ފައިސާ ލިބުނު ގޮތް އޭނާ ފުލުހުންނަށް ކިޔައިދީފައިނުވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭނާގެ ޓްރެވެލް ހިސްޓްރީގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ބަންދުން ދޫކޮށްލުމަށް އަމުރު ނުކުރެވޭނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.