މިހާތަނަށް ދައުލަތުގެ ތެރެއިން ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މޭސްތިރިއަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމު ކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ފޭސްބުކް މެދުވެރިކުރައްވައި އާންމު ކުރެއްވި މެސެޖެއްގައި އަދީބު ވިދާޅުވެފައި ވަނީ އަދީބާއި އަދީބުގެ އާއިލާ މީހެއްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައި ނުވާނެ ކަމަށެވެ.
"އެފައިސާ ޔާމީންގެ އެކައުންޓަށް ވަދެފައި ވަނީ. އެހެންވީމާ މުޅި ޚިޔާނާތުގެ މޭސްތިރިއަކީ ރައީސް ޔާމީން،" އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވެފައި ވަނީ އަދީބު ރާއްޖެ ގެންނަވައި އެމައްސަލަ ރަނގަޅަށް ތަހުގީގު ކުރައްވަން ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
ވެރިކަމުގައި ހުންނަވައިގެން ހިންގެވި ޚިޔާނާތާއި މަނީ ލޯންޑަރިން މައްސަލައެއްގެ ދައުވާ ޔާމީންގެ މައްޗަށް މިހާރުވެސް ގެންދަނީ ހިންގަމުންނެވެ.