ގަވާއިދާ ޚިލާފު ބިދޭސީން އުފުލާ ބޯޓު ތަކުގެ ކެޕްޓަނުންނަށް ފިޔަވަޅު އަޅަނީ

ގަވާއިދާ ޚިލާފު ބިދޭސީން އުފުލާ ބޯޓު ތަކުގެ ކެޕްޓަނުންނަށް ފިޔަވަޅު އަޅަނީ

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އުފުލާ ބޯޓު ތަކުގެ ކެޕްޓަނުންނަށް ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށެވެ. އިއްޔެ ލިބުނު އެފަދަ ރިޕޯޓަކާއި ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކުރި ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ބޯޓުން ދަތުރުކުރި ގަވާއިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި އަދި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓް ކުރުމަށް އިމިގްރޭޝަނުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އެ މީހުން ހޯދަން ޚާއްސަ އޮޕަރޭޝަންތައް މާލޭގައި ކުރިއަށް ގެންދަމުން ދާތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދަނީ އަތޮޅުގެ ރަށްތަކަށް ދާން މަސައްކަތް ކުރަމުންނެވެ.

އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ރާއްޖެ އަންނަ އުޅަނދު ތަކުގެ ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓާއި އެ މީހުންނަކީ ކޮން ބައެއްކަން އަންގައިދޭ ރަސްމީ ލިޔުންތައް އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭނެއެވެ. ކަނޑުމަގުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހަކު ހުރިތޯ ބެލުމަށްޓަކައި، އެ އުޅަނދު ބަލައި ފާސް ކުރުމަށް އިމިގްރޭޝަން އޮފިސަރަކު އެދިއްޖެ ނަމަ، އެ އުޅަނދުގެ ކެޕްޓަން އެކަން ހަމަޖައްސައި ދޭންވާނެ ކަމަށްވެސް އިމިގްރޭޝަންގެ ގަވައިދުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *