މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި، އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުނީ ޖަލު ގޮޅިތަކުގެ ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރި އަތުހަރު މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، މިހާރު ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.
އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓައި ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގައެވެ.
ފުލުހުން ބުނި ގޮތުގައި ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން މިނެޓެއް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ އަށް މިނެޓް ފަހުން އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި އައިޖީއެމްއެޗު އިމަޖެންސީއަށް އޭނާ ގެންދެވުނީ 7:25 ގައި ކަމަށެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ.
މުގުރުން އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޮލަށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ އޭނާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދިޔަ އެވެ. ފަރުވާއަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ އޭނާގެ ހާލު ސީރިއަސްވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ. އައިޖީއެމްއެޗުން އޭނާ ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑް އޭނާގެ އޮވެއެވެ.
އެ އަންހެން މީހާ ރަހީނު ކޮށްގެން ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނި ފިރިހެނަކު އަންހެނެއްގެ މޫނު މަތީގައި އަތް އަޅައި، ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލެއްގެ ކުރިއަށް އަރުވައިގެން އެ ސަރަހައްދުން ދާ މަންޒަރެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން އަންހެން މީހާ ސަލާމަތްކުރީ ސައިކަލުގައި މަޑުކޮށްގެން އިންދާ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމަށްފަހުއެވެ. އެ ވަގުތު ދެ މީހުން ސައިކަލާއެކު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެއެވެ.