ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ނިންމަވައިފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމު މިރޭ އެ މަގާމުން އިސްތިއުފާ ދެއްވުން އެ މަގާމުން ވަނީ ހުސްވެފަ އެވެ. އެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ޝަމީމު އިސްތިއުފާ ދެއްވިއިރު އޭނާ އެ މަގާމުން ވަކިކުރުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ. ޝަމީމު އިސްތިއުފާ ދެއްވީ ޖަލްސާ ފެށެން ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް މަޖިލީހުން ވަނީ ޝަމީމު މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ.
އެ ޖަލްސާއަކީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖީލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އެވެ. އެހެންވެ މިރޭގެ ޖަލްސާގައި ނާޒިމް ވިދާޅުވީ
އާ ޕީޖީއަކު އައްޔަން ކުރުމަށްޓަކައި ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ ދެ ޖަލްސާއަކީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާ ސިޓީ އިއްވުމުގެ ޖަލްސާގެ އިތުރުން އެ ބޭފުޅަކަށް މަޖިލީހުން ރުހުން ދިނުމަށް ބާއްވާ ޖަލްސާ ކަމަށެވެ.