މުޅިރާއްޖެ ތިން ބަޔަކަށް ބަހާލައި، އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭގޮތަށް، ސަރުކާރުން އާބަން ޑިވެލޮޕްމަންޓްގެ ބިލް މަޖިލީހަށް ފޮނުވައިފިއެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލްގައި ހިމަނާފައި ވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމެވެ.
އޭގެއިތުރުން އާބަން ސަރަހައްދު ތަކާއި، އެފަދަ ސަރަހައްދު ތަކުގެ ޒޯން ތަކާއި، ގިންތި ތަކާއި، ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑު ތަކާއި، އާބަން ސަރަހައްދު ތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާރކޮށް ފިޔަވަޅު އެޅުއިމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ބިލް ހުށަހެޅުމުގެ ބޭނުން ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ބިލުގައި ވަނީ ސިޓީ ހިމެނޭ ގޮތުން ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު 150،000 އަށްވުރެން ބޮޑު ސަހަހައްދު ތަކަކީ، މެޓްރޮޕޮލިޓަން ސަރަހައްދު ކަމަށް ކަނޑައެޅުމަށެވެ. އަދި އާބަން ސެންޓަރުތައް ހިމެނޭ، ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު 50،000 އަށްވުރެން ބޮޑުނަމަ، އާބަން ރީޖަންގެ ގޮތުގައި، ސިޓީއެއްގެ ކަނޑަ އަޅަން ފުރިހަމަވާން ޖެހޭނެ ޝަރުތުތައް ފުރިހަމަވުމާއެކު، ޖުމްލަ އާބާދީ 10،000 އަށްވުރެން ބޮޑުނަމަ، އާބަން ސެޓަރުގެ ގޮތުގައި ކަނޑައެޅުމަށެވެ.
ބިލުގައި ވާގޮތުން އާބަން ސަރަހައްދުތައް ކަނޑަ އަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ބިލުގައި ބުނެފައި ވަނީ އެގޮތަށް ކަނޑައަޅާ ސަރަހައްދު ތަކަކީ، ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ނަމަވެސް، އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް އޮންނާނީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ކަމަށެެވެ. ކައުންސިލް ތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ޚިދުމަތްތައް ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނާ ގޮތުން، އެކަމަށްޓަކައި އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އެކުލަވައި ލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ޤާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކާއި މުދަލާއި ވަސީލަތް ތަކުގެ އިތުރުން މުވައްޒަފުންވެސް އެ އޮތޯރިޓީއަށް ބަދަލު ވާނެއެވެ.
އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި، ތަރައްގީ ކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންނާނީ އެ ސަރަހައްދެއްގެ ކައުންސިލާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބިލުގައި ވެއެވެ.