ގޭންގު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންނަށް ހަނު ހުރުމުގެ ހައްގު ނުލިބޭ ގޮތް ހެދުމަށް "ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު"ގެ ޑްރާފްޓެއް ހޯމް މިނިސްޓްރީން، މިއަދު އެޓާނީ ޖެނެރަލް އޮފީސްއަށް ފޮނުވައިފިއެވެ.
އެ ޑްރާފްޓުގައި ވަނީ ގޭންގަކީ ކޮބައިކަމާއި ގޭންގު މެންބަރުން ކަނޑައަޅާނެ ގޮތާއި، އެކިއެކި މައްސަލަތަކާއި ގޭންގެއްގެ މީހެއް ނަމަ އަމަލު ކުރާނެ ގޮތްތައް ބަޔާންކޮށްފ އެވެ.
އެގޮތުން އެ ޑްރާފްޓުގައި ވަނީ، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ނުވަތަ ބަންދު ކުރެވޭ މީހަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މައުލުމާތެއް ނުދީ ހަނުހުރުމުގެ ހައްގު، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ނ)ގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވީ ނަމަވެސް، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ނުވަތަ ބަންދު ކުރެވޭ މިހާއަށް، އެ ހައްގު [ހަނު ހުރުމުގެ ހައްގު] އެއްވެސް މިންވަރަކަށް ލިބިގެން ނުވާނެ ކަމަށެވެ.
ޑްރާފްޓުގައިވާ ގޮތުން މީހަކާ މެދު ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް "ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު"ގައި ބުނާ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހާއަށް އެ ހައްގު ލިބިގެންނެއް ނުވެއެވެ.
އަދި ވަނީ ގޭންގު ހަރަކާތެއް ނުވަތަ ކުށެއް ކުރުމުގައި ބޭނުން ކުރާ އުޅަނގު ހިފެހެއްޓުމަށް ވެސް ހިމަނައިފަ އެވެ. ގޭންގު ހަރަކާތެއް ހިންގުމުގައި އުޅަނދެއް ބޭނުން ކޮށްފިނަމަ، އެ އުޅަނދެއް ކޯޓު އަމުރަކާއި ނުލާ 90 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ޑްރާފްޓުގައި ހިމަނައިފައިވެއެވެ.
އެ މުއްދަތު ހަމަވުމުން އުޅަނދު ދޫކުރާނީ އުޅަނދަކާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާއާއި އެއުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭ އެންމެހައި ފައިސާތަކާއި، އެ އުޅަނދެއް ބެލުމުގެ ދަށަށް ގެންދިއުމަށް ހަރަދުވި ފައިސާއާއި ސައިކަލެއް ނަމަ، 20،000 ރުފިޔާގެ ޖޫރިމަނާއެއް އަދި އެހެން އުޅަނދެއްނަމަ 100،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކައި ފުލުހުންނަށް އެކަމުގެ ހެކި ހުށަހެޅުން ކަމަށެވެ.