ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓް ހަދަން އިންޑިޔާ އިން ނެގި ކްރެޑިޓް ލައިނުގެ 300 މިލިއަން ޑޮލަރުން ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކަށް ބޭނުން ކުރަން ރަސީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ ކުއާޓަލީ ޑެޓް ބުލެޓިން، ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރަން އިންޑިޔާގެ އެގްޒިމް ބޭންކުންދޭ ފައިސާ ބޭނުން ކުރަން ނިންމާފައި ވަނީ، ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކަށް ކަމަށެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެއް ދޫކުރަން ނިންމީ މީގެކުރިން އޮތް އެމްޑީޕީ ވެރިކަމުގައެވެ.
"މިހާރު ލިބިފައި ހުރި ފައިނޭންސިން ފެސިލިޓީ ތައްވެސް ހައުސިންއަށް ފޯކަސް ކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ، ލައިން އޮފް ކްރެޑިޓުގެ 300 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް އެވެއިލެބަލް ކުރެވޭނެ ހައުސިންއަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފައިސާ ބޭނުން ކޮށްގެން 4000 ފްލެޓު އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް، ހައުސިންއަށް ދެއްވާ ކަމަށާއި، ބޭނުން ވަނީ ވީހާވެސް އަވަހަކަށް ހައުސިން މަޝްރޫއުތައް ފަށައި، ބޯހިޔާ ވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދެވުމަށް ކަމަށް ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހި ކަމުގެ އާ، އަދި ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރުވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.