އިންޑިޔާގެ ޔޫޕީއައި ޕޭމަންޓް ރާއްޖެއަށް ތައާރަފު ކުރަނީ

އިންޑިޔާގެ ޔޫޕީއައި ޕޭމަންޓް ރާއްޖެއަށް ތައާރަފު ކުރަނީ

އިންޑިޔާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ރާއްޖޭގައި ފަށަން ނިންމާފައިވާކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ދުވަހު ރަސީ ދަތުރު ފެށްޓެވުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ރޭ ދެއްވި މީޑިޔާ ބްރީފިންއެއްގައި ވިދާޅުވީ އެ ޚިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައިވާ ކަމަށެވެ.

"އުއްމީދު ކުރަނީ ވަރަށް އަވަހަށް ރާއްޖޭގައި ޔޫޕީއައިގެ ފުރަތަމަ ޓްރާންސެކްޝަން ހިނގާތަން ފެންނާނެ ކަމަށް،" ޖައިޝަންކަރު ވިދާޅުވިއެވެ.

"މީގެސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އަޅުގަނޑަށް ބެލެވޭ." އޭނާ ވިދާޅުވިއެވެ.

ޔޫޕީއައި ރާއްޖެއަށް ގެނައުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި)އާ އެކު ރޭ ވަނީ އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި އެމްއޯޔޫގެ ސަބަބުން އީ ކޮމާސްގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެގޮތުން ޑިޖިޓަލް ޕޭމެންޓްތައް ހެދުމުގައި އިތުރަށް ފަސޭހަ އަދި ރައްކާތެރި ނިޒާމެއް ގާއިމްކޮށް އަދި ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ފަސޭހައިން މަސައްކަތް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. އީކޮމާސްގެ ނިޒާމުތައް އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ރާއްޖޭގެ މާލީ އިދާރާތަކަށް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *