ފަލަސްތީނުގެ ދަރިފަސްކޮޅު ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒު ކުރަން ރާއްޖެއިން ގޮވާލައިފި

ފަލަސްތީނުގެ ދަރިފަސްކޮޅު ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒު ކުރަން ރާއްޖެއިން ގޮވާލައިފި

ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުން ނިމުމަކަށް ގެނެސް، ފަލަސްތީނާއި އެގައުމުގެ ނަސްލު ހިމާޔަތް ކުރެވޭނީ އެއްވަސް ގައުމެއް އިސްތިސްނާ ނުވާގޮތަށް ބައިނަލްއަގުވާމީ ޤާނޫނުތައް ތަންފީޒު ކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ޒަމީރު ވިދާޅުވީ، ވަކި ގައުމެއް އިސްތިސްނާ ނުވާނެ ގޮތެއްގެ މަތިން ބައިނަލްއަގުވާމީ ޤާނޫނާއި އިންސާނީ ހައްގުތަކާބެހޭ ޤާނޫނު ތަންފީޒު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.

ފަލަސްތީނު ހަނގުރާމަ ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ އަސާސްތައް އެ މީހުންނަށް ފޯރާކަން ކަށަވަރު ކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނާއި އިޒްރޭލު ދެމެދު ހިނގާ ހަމަނުޖެހުން ތަކަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއް ނުވެ ފަލަސްތީނާއެކު ތިބޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *