މަންމައަކީ ބަންގްލަދޭޝްގެ "ދަގަނޑު އަންހެނާ"، ސިޔާސީ ދާއިރާއަށް ދެން ނާންނާނެ، މަންމަ ހުރީ މާޔޫސްވެފައި: ދަރިފުޅު

މަންމައަކީ ބަންގްލަދޭޝްގެ "ދަގަނޑު އަންހެނާ"، ސިޔާސީ ދާއިރާއަށް ދެން ނާންނާނެ، މަންމަ ހުރީ މާޔޫސްވެފައި: ދަރިފުޅު

އޭނާގެ މަންމައަކީ ބަންގްލަދޭޝްގެ "ދަނގަޑު އަންހެނާ" ކަމަށާއި، މަންމަގެ ވެރިކަން ވެއްޓުނު ގޮތުން ދެން އެނބުރި ސިޔާސީ މައިދާނަށް މަންމަ ވަޑައިނުގަންނަވާނެ ކަމަށް ބޮޑުވަޒީރު ޝައިޚް ހަސީނާގެ ތަރުޖަމާނުގެ މަގާމުގައިވެސް އޭރު ހުންނެވި، ދަރިކަލުން ސަޖީބް ވަޖީދު ޖޯއީ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވައި އިންޑިޔާއަށް ހަސީނާ ވަޑައިގެންނެވި ފަހުން ބޭރުގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މަންމަ ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައި ކަމަށެވެ.

ސަޖީބު ވިދާޅުވީ ގައުމުގެ ސިޔާސީ މަސްރަޙު ގޯސްވެ، ގިނަ އަދަދެއްގެ އާންމުން މަގުތަކަށް ނުކުތުމާއެކު، ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމުގެ ވިސްނުންފުޅު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މަންމަ ގެންގުޅުއްވަން ފައްޓަވައިފި ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވަން ނިންމެވީ އާއިލާގެ އެދުމުގެ މަތިން މުޅި އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝައިޚް ހަސީނާ މަގާމުން އިސްތިއުފާ ދެއްވައި، ރިޔާސީ ގަނޑުވަރު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގަތީ ހެލިކޮޕްޓަރެއްގައި ކަމަށް ބުނެއެވެ. އަދި ގަނޑުވަރު ދޫކުރައްވައި ނުކުމެވަޑައިގަތީ ބަންގްލަދޭޝްގެ ހުރިހާ ހިސާބަކުން މަގު ތަކަށް މީހުން ނުކުމެ، ސީދާ ރިޔާސީ ގަނޑުވަރާ ދިމާލަށް މިސްރާބު ޖެހިކަން އެނގިވަޑައިގަތުމުން ކަމަށްވެސް ވެއެވެ.

ހަސީނާ މިވަގުތު ހުންނެވީ އިންޑިޔާގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސީނާ މިހާރު މަސައްކަތް ކުރައްވަނީ ދިިރިއުޅުއްވުން ލަންޑަނަށް ބަދަލު ކުރެއްވުމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޙިމާޔަތް ހޯއްދެވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. ޙިމާޔަތް ލިބުމާއެކު އިންޑިޔާއިން ފުރައިގެން ހަސީނާ ލަންޑަނަށް ވަޑައިގެން ދެން އުޅުއްވާނީ ލަންޑަނުގައި ކަމަށްވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *