އައިޖީއެމްއެޗުން އިހުމާލުން ކުއްޖަކު މަރުވި މައްސަލައެއްގައި މާލީ ގެއްލުމުގެ ބަދަލު ދީފި

އައިޖީއެމްއެޗުން އިހުމާލުން ކުއްޖަކު މަރުވި މައްސަލައެއްގައި މާލީ ގެއްލުމުގެ ބަދަލު ދީފި

އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ކުއްޖަކު މަރުވި މައްސަލައެއްގައި، ސެޓްލްމަންޓު އެގްރީމަންޓެއް ހަދައި، ގެއްލުމުގެ މާލީ ބަދަލު ދައުލަތުން ދީފި އެވެ.

މިދިޔަ އަހަރު ސިިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ކުއްޖާގެ މަންމަ ބުނީ އައިޖީއެމްއެޗުން ވަނީ އެ ފަރާތުގެ އިހުމާލުގެ އަމަލުތަކުގެ ސަބަބުން، ތުއްތު ދަރިފުޅު މަރުވި ކަމަށް އެއްބަސްވެ ސިޓީއެއް ފޮނުވައިފައި ކަމަށެވެ. އެހެންވެ، ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ މާލީ ބަދަލު ނަގައިދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން އެ މައްސަލައިގައި މިދިޔަ ހަފުތާގައިކުރި ހުކުމުގައި ބުނީ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން މައްސަލައިގެ އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ.

އެޓާނީ ޖެނެރަލް އޮފީހުން އެ މައްސަލައާ ގުޅިގެން ބުނީ މަރުވި ކުއްޖާގެ އާއިލާއިން އެ މައްސަލާގައި ދައުވާކުރީ ދަރިފުޅު މަރުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. ކުއްޖަކު މަރުވެފައިވާތީ އާއި ވަގުތު ސަލާމަތް ކުރަން އެންމެ މަސްލަހަތު ގޮތަކަށް ދައުލަތަށް ފެނުނީ ކޯޓުން ބޭރުން ސެޓްލްމަންޓު އެގްރިމެންޓަކަށް ދިއުން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

އެހެންވެ، މާލީ ގެއްލުމުގެ ބަދަލުގައި ދީފައިވަނީ އާއިލާއިން އެދުނު އަދަދަށް ވުރެ ކުޑަ އަދަދެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ. އެއީ ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ އަދަދެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *